ފެނަކަ ކޯޕަރޭޝަނާއި މޫސުމީ ބަދަލުތަކާ، ތިމާވެއްޓާއި އަދި ހަކަތައާބެހޭ ވުޒާރާއާއި ގުޅިގެން ހިންގާ "މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުން ހިންގާ ސޯލާ ހަރުކުރުމުގެ ހިދުމަތަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކަރަންޓު ޚަރަދު ކުޑަކުރުމަށާއި ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓު ބޭނުންކުރުމުގެ މަޤުސަދުގައި ހިންގާ މި ޕްރޮގްރާމަކީ އޭޑީބީ ފަންޑުގެ އެހީގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައިި ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނީ ފެނަކައިންނެވެ.

މި ޕްރޮގްރާމުގައި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ގޭބީސީތަކަށް ބައިވެރި ވުމުގެ ފުރުސަރު އޮންނާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

މަގޭ ސޯލާ ޕްރޮގްރާމްގެ ދަށުން، ދޫކުރުމަށް ހަމަޖެހިފައިވަނީ، 3 ކިލޯ ވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް އާއި 5 ކިލޯވޯޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތަކެވެ. ގޭބީސީތަކަށް ދޫކުރެވޭ ސިސްޓަމްތަކުގެ ސައިޒް ކަނޑައަޅާނީ، ނެޓް މީޓަރިން އުސޫލުގެ ދަށުން އެދި ފެނަކަ ކޯޕަރޭޝަނަށް ހުށައަޅާ ގޭބީސީތައް ސާރވޭ ކުރުމަށް ފަހުގައެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ސޯލާގެ އަގުތަކަކީ، 3 ކިލޯވޯޓު ސިސްޓަމެއް 45,000 ރުފިޔާއަށް އަދި 5 ކިލޯވޯޓު ސިސްޓަމެއް 75,000 ރުފިޔާއަށެވެ.

މި ޚިދުމަތަށް އެދި ހުށައެޅުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ޚިދުމަތަށް އެދެވޭނީ، މިކަމަށް ޚާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ސޯލަރ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި އަގުތައް ހުރިގޮތަށް ބަލާއިރު މިފަދަ ނިޒާމަކަށް އެއްފަހަރާ އަގުއަދާ ކުރުމަކީ އާއްމު ފަރުދުންނަށް ދަތިކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

މި ޕްރޮގްރާމްގައި ހަރުކޮށްދޭ ސޯލާ ސިސްޓަމްތަކަށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަނޑައެޅިފައިވެއެވެ. އެއީ، އެއްފަހަރާ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ނުވަތަ އިންސްޓޯލްމަންޓް އުސޫލުން އެކެއް، ތިނެއް ނުވަތަ ފަސް އަހަރަށް ބަހާލައިގެން އަގު އަދާކުރާ ގޮތަށެވެ.

މި މަޝްރޫއުގައި ސޯލާ ޕެނަލްތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށެވެ. ކަރަންޓު ބިލުން އުނިވާ އަދަދު، އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމެނޭނެ އެވެ.

މި ޕްރޮގްރާމުގެ މަޤުސަދަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމާއި، ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކުރުމެވެ.

މަގޭ ސޯލާ ޕްރޮގްރާމަކީ، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް