މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ސައުދީ އަރަބިއްޔާގެ އާރްއޯއެސް ފޯ ޓްރޭޑިން ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރެވެ. އަދި އާރްއޯއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު ހަމަދު މުޙައްމަދު އަލްމިންހާލީ އެވެ.

މި މަޝްރޫއުގެ ދަށުން މުލަކުގައި އަޅާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގައި ދުވާލަކު 50 ޓަނުގެ މަސް ބްރައިން ފްރީޒްކުރުމުގެ ޤާބިލުކަން ހުންނާނެ ކަމަށް މިނިސްޓްރީން ހާމަކުރެ އެވެ. އަދި 300 ދުވަހުގެ ތެރޭގައި ސްޓޯރޭޖްގެ ޑިޒައިނިން މަސައްކަތާއެކު މި ފެސިލިޓީ އަޅައި ނިންމާނޭ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

މި މަޝްރޫއުގެ އަގަކީ 5.188 މިލިއަން ޑޮލަރެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކުރުމުން މުލަކު އަތޮޅުގެ މަސްވެރިންނަށް ބޮޑު ލުޔެއް ލިބި، މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މުލައް ހިމެނޭ ގޮތަށް ތިން ރަށެއްގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި 15 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް