ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ސްކޭންކުރަން ފުލް ބޮޑީ ސްކޭން މެޝިން ގެންނަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތް އިރު ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 19 އޮފިސަރެއް ފާހަގަކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސިފައިންނާއި ފުލުހުން އަދި ޖަލު އޮފިސަރުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޖަލުން ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެވުނުކަމަށެވެ. އަދި ޖަލުން މިކަމުގައި ބައިވެރިވާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެފަވާކަމަށާއި، ނަމަވެސް 100 އިންސައްތަ ހައްލު ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ޖަލުގައި ޖިއޯ ފެންސިން ހަދައި ޖަލުގައި ފޯނު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ޖަލުން ފޯނު ކުރުން ހުއްޓުވޭނެ ދާއިމީ ހައްލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ޖަލު އޮފިސަރުން ޖަލަށް ވަންނަނީ ސްކޭން ނުކުރެވި ކަމަށާއި ސްކޭން ކުރާނެ މެޝިން ވެސް ނެތް ކަމަށެވެ. އެކަމަކު މިހާރު ވަގުތީ ގޮތުން މެޓަލް ޑިޓެކްޓާ ހަރުކޮށްފައިވާ ކަމަށާއި ފުލް ބޮޑީ ސްކޭން ކުރެވޭނެ މެޝިން ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް