އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބަޔަކަަށް ހެދުމަށް ނިންމި ނިންމުމަކީ ޑިމޮކްރެޓިކް ނިޒާމް ފުނޑާލުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސިފަ ކުރައްވައިފި އެވެ.

ގާނޫނުގައި މިހާރު ބަޔާންކޮށްފައި އޮންނަ ގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުންނެެވެ.

އެހެން ނަމަވެސް އީސީ އަދި އޭސީސީގެ ރައީސް އާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައި އެ ދެ ބިލުގެ ފުރަތަމަ ކިއުން މިއަދު ވަނީ އިއްވައިފަ އެވެ.

އެކަމާ ގުޅިގެން ޝާހިދު މިއަދު އެކްސްގައި ވިދާޅުވީ ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ 2008 ގައި އަމަލުކުރަންފެށި ގާނޫނުއަސާސީން ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލާ، ބާރުތައް ވެރިމީހާގެ މުށުތެރެއަށް ޖަމާކުރުން ކަމަށެވެ. އަދި އެއީ ހުދުމުހުތާރުވެރިކަމެއް ރާއްޖޭގައި ގާއިމް ކުރުމަށް މިސަރުކާރުންް ގެންގުޅޭ ނުރައްކާތެރި ސިއްރު އެޖެންޑާގެ ބައެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީޚެއްގައި ކުރިމަތި ވަމުންދާ އެންމެ ބޮޑު ނުރައްކާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެސް، ރާއްޖެ ބަލައިގެންފައިވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރަމުންދާ މި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން." ޝާހިދު ވިދާޅުވި އެވެ.

މިމައްސަލައިގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރުމުގައި އަމަލުކުރުމަށް އެކި ގާނޫނުތަކުގައި ހުރީ އެކިގޮތަށް ކަމަށެވެ. އެހެންކަމުން އެކަން އެއްގޮތްކޮށް، މިކަމުގައި ރައީސްގެ ދައުރެއް ބޭއްވުމުގެ މަގުސަދުގައި އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރު ސިވިލް ސަރވިސްގެ ރައީސް އަދި ނައިބްރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމްތަކަކަށް ހެދުމަށް ގާނޫނަށް އިސްލާހެއް ގެނައިކަމަށެވެ.

އެހެންކަމުން، އެދުވަހު ސިވިލް ސަރވިސް ގާނޫނަށް ގެނައި އިސްލާހާ މިއަދު މިގެންނަން ހުށަހެޅި އިސްލާހާ އެއްވެސް ތަފާތެއް ނެތް ކަމަށާއި އެދުވަހު ރަނގަޅުވި ކަމެއް މިއަދު ގޯސްކަމަކަށް މިވީ ކީއްވެތޯ ބަންޑާރަ ނައިބު އުޝާމް ވަނީ ސުވާލު އުފައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް