ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ކަންކަން ބަލަހައްޓަން އާ ސިސްޓަމެއް ހަދައި އެ ސިސްޓަމް މެނޭޖުކުރަން ހަވާލުކުރި މެލޭޝިއާގެ ކުންފުނި، ބެސްޓިނެޓާއެކު ހަދާފައިވާ އެއްބަސްވުމުން ކުރިއަށް ގެންދަން ނިންމީ ކުރީ ސަރުކާރުން އެކުންފުންޏަށް ބޮޑު ބަދަލެއް ދޭންޖެހޭ ކަމަށް ނިންމާފައި އޮތުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ މެލޭޝިއާގެ އެކްސްޕެޓް ސިސްޓަމްގެ އެއްބަސްވުން ކުރިއަށް ގެންދަން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުރިން ބެސްޓިނެޓާއެކު ހަދާފައިވާ އެއްބަސްވުންތަކާ ގުޅިގެން އެ ކުންފުނީގެ ލޯ ފާމުތަކުން ހަތަރު ފަހަރު ބަދަލު ހޯދަން ސަރުކާރަށް ހުށައަޅާފައި އޮތް ކަމަށެވެ.

އަދި ނިމިގެން ދިޔަ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ ލަފަޔާއެކު ބަދަލު ދިނުމުގެ މަސައްކަތްވެސް ފަށަން އޮތީ ކަނޑައަޅައިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ ވަރަށް ބޮޑު އޮޅިވަޑައިގަތުމެއް މިއީ. މިއީކީ އެއްވެސް ހާލެއްގައި ހަމަ ތާކު ކުންފުންޏެއް އޮއްވައި އަޅުގަނޑުމެން އެ ކުންފުނި ހޯދައިގެން އެކަން ކުރީކީ ނޫން. ދައުލަތުގެ މައްޗަށް ހަަމަ އޮބިނޯންނަވަރުވެ އެ މީހުން އިމީޑިއަޓްލީ ކްލެއިމްކޮށްފައި މި އޮންނަނީ 15 މިލިއަން ޑޮލަރަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ އެކުންފުންޏަށް ބަދަލު ދޭންޖެހޭ ކަމަށް ކުރީ ސަރުކާރު އެޓާނީ ޖެނެރަލްގެ އިތުރުން ނިމިދިޔަ ސަރުކާރުގައި ރައީސް އޮފީހުން ވެސް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

މިނިސްޓަަރު އިތުރަށް ވިދާޅުވީ މެލޭޝިއާގެ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގައި ދައުލަތަށް ވަންނަމުން އައީ 600 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިހާރު އެއްބަސްވެފައިވާ ގޮތުން ދައުލަތަށް 900 މިލިއަން ރުފިޔާ ވަންނާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް