އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ބަންޑާރަނައިބު އެކަން ދިފާއު ކުރައްވައިފިއެވެ.

އެ އިސްލާހާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޙުސައިން ފިރުޝާން ވަނީ އެކްސްގައި އެކަމަށް ފާޑުވިދާޅުވެފައެވެ. ފިރުޝާން ވިދާޅުވީ، އިލެކްޝަން ކޮމިޝަނާއި، އޭސީސީގެ ރައީސް އާއި ނައިބު، ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާގޮތަށް ހެދުމުން މުއައްސަސާގެ މިނިވަންކަން ގެއްލުނީ ކަމަށެވެ.

އަދި ދިވެހީންގެރާއްޖެ 50 އަހަރު ފަހަތަށް ދާނެކަމަށާއި، ހުރިހާ މިނިވަން މުއައްސަސާތައް އުވާލާފައި، އެ މަސައްކަތްތައް ރައީސް އޮފީހުން ކުރަންވީނުންތޯ، ފިރުޝާން ވަނީ ވިދާޅުވެފައެވެ.

ފިރުޝާންގެ ޕޯސްޓާއި ގުޅިގެން ބަންޑާރަނައިބު އެކަން ދިފާއު ކުރައްވާ އެކްސްގައި ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރުމުގައި އަމަލުކުރުމަށް އެކި ގާނޫނުތަކުގައި ހުރީ އެކިގޮތަށް ކަމަށެވެ. އެހެންކަމުން އެކަން އެއްގޮތްކޮށް، މިކަމުގައި ރައީސްގެ ދައުރެއް ބޭއްވުމުގެ މަގުސަދުގައި އެމްޑީޕީގެ ސަރުކާރުގައި 2021 ވަނަ އަހަރު ސިވިލް ސަރވިސްގެ ރައީސް އަދި ނައިބްރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމްތަކަކަށް ހެދުމަށް ގާނޫނަށް އިސްލާހެއް ގެނައިކަމަށެވެ.

އަދި އެކަމަށް ނެގި ވޯޓުގައި ފިރުޝާން ވެސް އަދި އޭރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ބަންޑާރަ ނައިބު އުޝާމް ވެސް ވޯޓު ދެއްވިކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، އެދުވަހު ސިވިލް ސަރވިސް ގާނޫނަށް ގެނައި އިސްލާހާ މިއަދު މިގެންނަން ހުށަހެޅި އިސްލާހާ އެއްވެސް ތަފާތެއް ނެތް ކަމަށާއި އެދުވަހު ރަނގަޅުވި ކަމެއް މިއަދު ގޯސްކަމަކަށް މިވީ ކީއްވެތޯ ބަންޑާރަ ނައިބު އުޝާމް ވަނީ ސުވާލު އުފައްދަވާފައެވެ.

ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ ކަމަށެވެ.

އެކަމަކު އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ދެ އިސްލާހުގައި ބުނެފައިވެއެވެ.

އަދި ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް އެ އިސްލާހުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް