ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ކަމަށާއި އެޕާޓީއަށް ވަގަށް މީހުން ވައްދަން ނުޖެހޭނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.

އަބުދުއްރަޙީމް މިހެން ވިދާޅުވީ ޕީއެންސީއަށް ފާއިތުވި ދެދުވަހުގެ ތެރޭގައި މާލެއިން ސޮއި ކުރި މީހުންގެ ފޯމްތައް ޕާޓީ އާއި ހަވާލު ކުރަން މިރޭ ޕީއެންސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ފައިސާ ދީގެންނާއި ސޮއި ފޯޖްކޮށްގެން މީހުން އެޕާޓީއަށް ވައްދަން ނުޖެހޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ތާއިދު ނެތް ސިޔާސީ ލީޑަރުންގެ ޕާޓީތަކަށް މީހުން ވައްދަން ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އަބުދުއްރަޙީމް ވިދާޅުވީ ޕީއެންސީއަށް މެމްބަރުން ގުޅެނީ އެއްވެސް ހާލެއްގައި މަޖުބޫރުކޮށްގެން ނޫން ކަމަށެެވެ.

"އެއީ ތާއީދު ނޯންނަ މީހުން ކުރާކަމެއް. ރައްޔިތުން ބަލައި ނުގަންނަ ސިޔާސީ ލީޑަރުން ޕާޓީ ހެދީމަ އެޕާޓީތަކުން އެކަހަލަ ކަންކަން ކުރާނީ. އެކަމަކު ރައްޔިތުންގެ ތާއީދާއި، ރައްޔިތުންގެ ލޯތްބާއި ރައްޔިތުންގެ އިހްތިރާމް އޮންނަ ޕާޓީތަކަށް މެންބަރުން ވައްދާކަށް ނުޖެހޭނެ އެކަން އެގޮތައް ކުރާކަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބުދުއްރަޙީމް ވިދާޅުވީ ޕީއެންސީ ވެރިކަމަށް އައިއިރު އެޕާޓީގައި ތިބީ 3022 މެމްބަރުން ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް އަހަރު ދުވަސް ނުވަނީސް މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީއެންސީއަށް ހެދިއްޖެ ކަމަށާއި އެއީ ތާއިދު އޮތުމުން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ ސިޔާސީ ޕާޓީ ހަދަން އެންމެ ފަރިތަ ބޭފުޅުން ތިބީ ޕީއެންސީގައި ކަމަށެވެ. އެގޮތުން ޑީ.އާރު.ޕީ އާއި ޕީއޭ އާއި ޕީޕީއެމް އަދި ޕީއެންސީ އުފެއްދި އިސްބޭފުޅުން ތިއްބެވީ ޕީއެންސީގައި ކަން އަބުދުއްރަޙީމް ފާހަގަކުރެއްވިއެވެެ. އަބްދުއްރަހީމް ވިދާޅުވީ ޕާޓީތަކަށް ފޯމް ފުރުމަކީ ކިހައި އުނދަގޫ ކަމެއްކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެބޭފުޅުންނަށް ފޯމް ފުރާނެ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގައި ބައެއް މިނިސްޓްރީތަކާއި ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރާކަމަށް އެމްޑީޕީން ކުރާ ތުހުމަތުތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި އަދި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެގޮތުގައި ތިއްބަވަނީ ޕީއެންސީގެ މެންބަރުން ކަމަށެވެެ. އަދި ވެރިކަން ކުރާ މައި ޕާޓީ ބޮޑު ކުރުމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމަށާއި މަލްޓި ޕާޓީ ނިޒާމެއް އޮންނަ ގައުމުތަކުގައި އެއީ މަނާކަމެއް ނޫން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް