މާލޭގެ މަގުތަކުގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންނާއި މަސްތުގެ ހާލަތުގައި ހުރެ ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކޮށް ފަރުވާ ދިނުމުގެ މަސައްކަތް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެންޑީއޭ އާއި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103ވަނަ މާއްދާގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގެ ދަށުން ނުވައެއް އޮކްޓޯބަރުން ފެށިގެން 14 މީހުން ސެންޓަރުގައި ބަންދުކޮށް ފަރުވާ ދެމުންދާ ކަމަށެވެ.

ނާހިދު ވިދާޅުވީ އެ ޕްރޮގުރާމްގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާ ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް ރިމާންޑް ސެންޓަރުތަކަށް ގެންދާނެކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެފަރާތްތަށް ބަންދުން ނުވީއްލި އެފަރާތްތަކުގެ ފަރުވާގެ ކަންކަން ކުރިއަށްގެންދަން ކުރަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން ގެންދާކަމަަށް އޭނާ ވިދާޅުވިއެވެ.

"މި ފެށުނު މަސައްކަތުން ކުރިއަށްއޮތް ތަނުގައި ރައްޔިތުންނަށް މަގުމަތިން ހެޔޮ ބަދަލުތަކެއް ފެންނާނެކަމަކީ އަޅުގަނޑު ޔަގީންކުރާކަމެއް،" ނާހިދު ވިދާޅުވިއެވެ.

ޑްރަގު ބޭނުންކުރާ މީހުންނަށް ފަރުވާދޭ ރިމާންޑް ސެންޓަރު ގާއިމްކޮށްފައި ވަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް