ޓޫރިޒަމް ދާއިރާ އާއި ގުޅުންހުރި ޓެކްސްތައް ބޮޑުކުރި ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު މަދުވެގެންދާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށާއި މަދުވިޔަސް އެއިން ދައުލަތަށް ލިބޭނެ މަންފާ މާބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދު ﷲ ޝިހާބު ވިދާޅުވީ، ޓެކްސް ބޮޑުކޮށްގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުނުވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް ޓެކްސް ބޮޑުކޮށްގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިނުވާ ކަމަށާއި އޭގެ އަސަރު ފަތުރުވެރިކަމުގެ ދާއިރާ އަށް ކޮށްފައިނުވާ ކަމަށް އަސަދު ﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އަންނަނީ ގައުމުން ބޭރަށް ދިޔުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެފަތުރުވެރިން ރާއްޖެ އަންނަނީ އަންނަ ހިތުން ކަަމަށް އަސަދު ﷲ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ނުފޭނެ ހާއްސަކޮށް އަޅުގަނޑުމެން މިގެނައި ބަދަލާއެއްކޮށް 1 ޕަސެންޓް ޓީޖީއެސްޓީ އިތުރުވުމާއި އެއްކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެދާނެ ކަމަކަށް، ހަމަ އެއްވެސް ގޮތަކަށް ގަބޫލު ނުކުރެވޭ މީގެ ކުރިން ވެސް ޓެކްސް ބޮޑުކޮށްފައި އެބަހުރި ބޮޑުކުރަމުން އައީ، ކޮށްގެން ރާއްޖޭގެ އެރައިވަލްސް އަކަށް ބޮޑުތަނަކުން އެނގުމެއް ވެފައެއް ނެތް،" އަސަދު ﷲ ވިދާޅުވިއެވެ.

މީގެ އިތުރުން އަސަދު ﷲ ވިދާޅުވީ މުދަލާއި ޚިދުމަތުގެ ގާނޫނަށް، ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަ އިސްލާހާއެކު 900 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހާއެކު 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަައިވާއިރު އެއާޕޯޓް ޓެކްސް ބިލާއެކު 1.5 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ދައުލަތަށް ލިބޭނެ ކަމަށް އަސަދު ﷲ ވިދާޅުވިއެވެ.

ސަރުކާރުން ގެންނަ އިސްލާހުތަކާއެކު ގާތްގަނޑަށް 3 ބިލިއަން ރުފިޔާ އަހަރަކު އިގްތިޞާދަށް ވަންނާނެ ކަމަށް އަސަދު ﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން ފަހަރުގައި ފަތުރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވިނަމަވެސް ދައުލަތަށް ލިބޭނެ ނަފާ މާބޮޑުވާނެ ކަމަށެވެ. އަސަދު ﷲ ވިދާޅުވީ ސަރުކާރުން ޓެކްސް އަށް ބަދަލު ގެންނަނީ ދިރާސާތަކެއް ހެދުމަށްފަހު ކަމަށެވެ.

"ރާއްޖެ އަށް ފަތުރުވެރިންގެ އެރައިވަލްސް އެއް މަދުވިޔަސް ވެސް މަދުވާނެއެކޭ ނޫން، މަދުވިޔަސް އަޅުގަނޑުމެން މިދައްކަނީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާގެ އާމްދަނީއެއްގެ ވާހަކަ، އެހެންވީމަ އެރައިވަލް މާބޮޑަށް މަދުވާނެ ކަމަށް ލަފައެއް ނުކުރެވޭ. ވިޔަސް ވެސް އަޅުގަނޑުމެންނަށް މީގެއިން ލިބޭ ނަފާ މާބޮޑު. އެއީ ސަރުކާރުން މި ހިސާބުތައް ހަދާފައި މިހުރީ ދުނިޔޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކާއި މީހުންގެ ޓްރެވަލް ސެލެކްޝަން އާއި މިހުރިހާ އެއްޗެއް ދިރާސާކޮށްފައި. އެމްޑީޕީގެ ސަރުކާރުން ކުރާހެން ކަމެއް ކޮށްލުމުގެ ނަމުގައި ކޮށްފައެއް ނޫން، މިއީ ރަނގަޅު ދިރާސާތަކެއް ހެދިގެން ގެނެވިފައި ހުރި ބަދަލުތައް،" އެމްޕީ އަސަދު ﷲ ވިދާޅުވިއެވެ.

ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ. އެގޮތުން ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށް އަދި ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ. އެހުށައެޅުންތައް މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް