މަސްތުވާތަކެތިން ދުރުވެ ފަރުވާ ލިބިގަތުމަށް އެއްބާރުލުން ނުދޭ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމާއި ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކުގައި ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމްކުރެވި، ފަރުވާ ތަންފީޒުކުރަން ފެށުމަށްފަހު އެކަމަށް އެއްބާރުލުން ނުދޭ މީހުންނާމެދު އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން އެންޑީއޭއާއެކު ވާހަކަދެކެވިފައިވެއެވެ.

އެންޑީއޭއިން ބުނީ އެ އެޖެންސީގެ ޓެކްނިކަލް ކޮމިޓީއާއި ޑްރަގް ކޯޓު ގުޅިގެން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާ ނެރުމަށްޓަކައި ދެފަރާތުން އަދާކުރަންޖެހޭ ދައުރުތަކާ ބެހޭގޮތުންވެސް އަދި މަޝްވަރާކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަސައްކަތްތަކާ ގުޅިގެން، ރިހެބިލިޓޭޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ވަނީ ބަޖެޓުގައި އިތުރު 30 މިލިއަން ރުފިޔާ ހިމެނުމަށް ނިންމާފައެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިންތިޒާމްކޮށް ކުރިއަށް ގެންދާއިރު، އެ އިދާރާގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 117 މިލިއަން ރުފިޔާއެވެ. މި އިތުރުކުރެވޭ 30 މިލިއަން ރުފިޔާއާއެކު އެންޑީއޭގެ ބަޖެޓު އިތުރަށް ފުޅާވެ، ޑްރަގް ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް