ޝާން މުހައްމަދު   16 އޮކްޓޯބަރު 2024 - 17:18
މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކުރެހުމުގެ މުބާރާތެއް ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.

ބްރޮޑްކާސްޓް ޑޭ ގެ މުނާސަބަތުގައި "ވިޝަން އޮފް ދަ ފިއުޗާ"ގެ ނަމުގައި ފަށާފައިވާ މި ކުރެހުމުގެ މުބާރާތް ކުރިއަށް ގެންދަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

ބްރޮޑްކޮމްއިން ބުނީ މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ކުރަހަން ޖެހެނީ ޚާއްޞަ ތިން ތީމްއެއްގެ ދަށުން ކަމަށެވެ. އެއީ:

* ދަ އެވޮލިއުޝަން އޮފް މީޑިއާ

* ބްރޮޑްކާސްޓް މީޑިއާ އެންޑް ކަލްޗަރ

* ބްރޭކިންގ ނިއުސް

އެ ކޮމިޝަނުން ބުނީ ދަ އެވޮލިއުޝަން އޮފް ދަ މީޑިއާގެ ތީމަށް ތައްޔާރުކުރާ ކުރެހުންތަކުން ދައްކުވައިދޭންޖެހޭނީ ރޭޑިއޯ ބޭނުންކުރަން ފެށި ޒަމާނުންފެށިގެން މިހާ ހިސާބަށް ބްރޮޑްކާސްޓިން ދާއިރާ ކުރިއަރާފައިވާ ގޮތް ކަމަށެވެ.

”ބްރޮޑްކާސްޓް މީޑިއާ އެންޑް ކަލްޗަރ“ ކުރެހުންތަކުން ދައްކުވައިދޭން ޖެހޭނީ ރާއްޖޭގެ ސަގާފަތާއި ތާރީޚު ބްރޮޑްކާސްޓިން ދާއިރާގެ ދަށުން ރައްކާކުރާ ގޮތް ކަމަށާއި ބްރޭކިން ނިއުސް ތީމްގައި ދައްކުވައިދޭން ޖެހޭނީ ރައްޔިތުންނަށް އަވަސް ޚަބަރު ގެނައުމުގައި ބްރޮޑްކާސްޓިން މީޑިއާގެ ދައުރުކަމަށް ބްރޮޑްކޮމްއިން ބުނެއެވެ.

މުބާރާތުގައި ކުރެހުން ހުންނަން ޖެހޭނީ އޭ3 ސައިޒުގައި ކަމަށާއި ކުރެހުން ކުރަހާފައި ހުންނަން ޖެހޭނީ ފަންސުރު، ކްރެއޮންސް، މާކަރު، ފެންކުލަ، ޕޯސްޓަރ ކުލަ ކަހަލަ ކުލަތައް ބޭނުންކޮށްގެން ކަމަށް ބްރޮޑްކޮމްއިން ވަނީ ބުނެފައެވެ.

އެ މުބާރަތް ކުރިއަށް ގެންދަނީ ތިން އުމުރުފުރައަކަށް ބަހާލައިގެން ކަމަށާއި އެއީ ހަ އަހަރާއި ނުވަ އަހަރާއި ދެމެދާއި 10 އަހަރާއި 13 އަހަރާއި ދެމެދާއި 14 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ބްރޮޑްކޮމްއިން ބުނީ މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރު ފުރާއަކުން އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާނެ ކަމަށެވެ.

ކުރެހުން ހުށަހަޅާއިރުގައި ނަމާއި ސްކޫލާއި އުމުރާއި އައިޑީކާޑް ކޮޕީ އާއި ނަންބަރު އަދި ތީމް ޖަހާފައި ހުށަހެޅުމަށް ބްރޮޑްކޮމްއިން ބުނެފައިވެއެވެ. ކުރެހުން ހުށަހަޅަން ޖެހޭނީ ބްރޮޑްކޮމްގެ އިމާރާތަށް މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ކަމަށް ވެސް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް