ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ނަޑެއްލާގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި، ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، އެކަމަށް ހައްލެއް ހޯދައިދިނުމާއި، ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަ ދަނޑުފަދަ، މަސައްކަތްފަށައި ނުނިމިހުރި ކަންކަން އަވަސްކޮށްދިނުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރި އެހެނިހެން ކަންކަމުގައިވެސް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު