އައްޑޫސިޓީ މަރަދޫ އެތުމާގޭގައި ހުރި ގުދަނަކާއި އެގުދަނާއި އިންވެގެން ހުރި ހަޓެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު އައްޑޫ ސިޓީގައި ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑިފައި ވަނިކޮށް މިއަދު ފަތިހު 05:30 ހާއިރު ކަރަންޓު އައި ވަގުތު ކަމަށް އެސަރަހައްދުން މައުލޫމާތު ލިބެއެވެ.

އެސަރަހައްދުން ރަސްއަށް މައުލޫމާތު ލިބުނު ގޮތުގައި އަވަށްޓެރިންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނުއިރުވެސް ފަޔަރ އެންޑް ރެސްކިއުޓީމަށް ނާދެއެވެ. އަދި ފުލުހުންނަށްވެސް އާދެވުނީ އަވަށްޓެރިންނަށް އަލިފާންގަނޑު ނިއްވާލެވުނު ވަގުތުގައެވެ. އެވަގުތު އެތަންވަނީ އެކީ އަނދާ އަޅިއަށްވެފައެވެ.

އެތުމާގޭގައި ހުރި ގާޑިޔާ ވިޔަފާރި ހިންގާ ހަޓާއި ގުދަން އަނދާހުލިވިއިރު، އެތަނުގައި ދެ ލައްކަ ރުފިޔާގެ މުދާ ހުރި ކަމަށް ގޭގެ ވެރިފަރާތުން ރަސް އަށް މައުލޫމާތުދެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެތަނުގައި ރޯވި އަލިފާންގަނޑާއެކު އެތަނާ އިންވެގެން ހުރި ގެއަށްވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

މީގެ އިރުކޮޅެއް ކުރިން ފުލުހުންވެސް ވަނީ ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު ވެރިފާތުން އޮޅުފިލުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު