ނަރެންދްރަ މޯދީ އާއި ޕުޓިން
ނަރެންދްރަ މޯދީ އާއި ޕުޓިން
ހަނގުރާމަ ކުރުމަކީ މައްސަލަތައް ހައްލު ކުރެވޭނެ ގޮތެއް ނޫންކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ ޔޫކްރެއިނާއި ރަޝިއާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ބެހޭ ގޮތުން ރަޝިޔާގެ ރައީސް ޕުޓިން އާއި ދެކެވުނު ވާހަކަތަކަކާ ގުޅުވައިގެންނެވެ. މޯދީ ވިދާޅުވެފައިވަނީ ރަޝިއާއާއި ޔޫކްރެއިންއާއި ދެމެދު ހިނަގަމުންދާ ހަނގުރާމަތަކަށް ހަނގުރާމައިގެ މައިދާނުގައި ހައްލެއް ނުލިބޭނެކަމަށާއި އެކަން ހައްލު ކުރެވޭނީ ސުލްހަ ގާއިމް ކޮށްގެން ކަމަށެވެ.

އަންގާރަ ދުވަހު ކްރެމްލިންގައި ބޭއްވި ބައްދަލުވުމެއްގައި މޯދީއާއި ވާހަކަފުޅު ދައްކަމަވުން ޕުޓިން ވިދާޅުވީ ރަޝިއާއާއި ޔުކްރެއިނާއި ދެމެދު މިހާރު ހާއްސަ ސްޓްރެޓިޖިކް ޕާޓްނާޝިޕެއް އެކުލެވިފައިވާ ކަމަށެވެ. އަދި މި ޕާޓްނާޝިޕާ ހަމައަށް ވާސިލު ކުރުމަށް މޯދީ ވެދެއްވި އެއްބާރުލުމަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ސުލްހަވެރި އެއްބަސްވުމަކާ ހަމައަށް ވާސިލް ކުރުމަށް މޯދީ ކޮށްދެއްވި މަސައްކަތަށް ޕުޓިން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އިންޑިއާއާއި ރަޝިއާއާއި ދެމެދު އޮތް ގުޅުން މިހާރުވަނީ ކުރިއަށްވުރެ ބޮޑަށް ބަދަހިވެފައެވެ. އެގޮތުން ބަލާއިރު ހަނގުރާމައާ ގުޅިގެން އިންޑިއާއިން ރަޝިއާއަށް ފާޑުކިޔުން އަމާޒު ކޮށްފައި ނުވާއިރު އިންޑިއާއިން ވަނީ ރަޝިއާއިން އުފައްދާ އަގު ހެޔޮ ތެޔޮ ރިކޯޑު އަދަދަކަށް ގަނެފައެވެ. އަދި އިންޑިއާއިން ވަނީ މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން ރަޝިއާއާއި ޔޫކްރެއިންގެ މައްސަލަތައް ހައްލު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މޯދީ ވިދާޅުވެފައިވަނީ އަންނަން އޮތް ޖީލުތަކުގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ ސުލްހަ މަސަލަސްކަން ގާއިމް ކުރުން ކަމަށެވެ. މޯދީ މިހެން ވިދާޅުވެފައިވަނީ ކިއެވްގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް ރަޝިއާއިން މަރުގެ ހަމަލާއެއް ދިންތާ އެއް ދުވަސް ފަހުންނެވެ. މި ހަމަލާގައި 37 މީހުން ވަނީ މަރުވެފައެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވަނީ އިންޑިއާގެ ބޮޑުވަޒީރު ރަޝިޔާއަށް ވަޑައިގަތުމުން އެކަން ކުށްވެރިކުރައްވާފައެވެ. މީސް މީޑިއާގައި ޒެލެންސްކީ ހިއްސާ ކުރެއްވި ޕޯސްޓެއްގައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ލީޑަރު މިފަދަ ދަނޑިވަޅެއްގައި ދުނިޔޭގެ އެންމެ ބޮޑަށް ލޭ އޮހޮރޮވާލާފައިވާ ކުއްވެރިޔާއާއި ބައްދަލު ކުރުމަކީ ސުލްހައިގެ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ސިފަކުރައްވާ ފައެވެ.

މިއީ 2019 ވަނަ އަހަރަށްފަހު މޯދީ ރަޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި މޯދީ އުންމީދު ކުރައްވަނީ އިންޑިއާގެ އަސްކަރީ ސާމާނާއި ތެލުގެ ބޮޑު ބައެއް ބަރޯސާވާ ރަޝިޔާއާއި އެކު އޮންނަ ހަކަތަ އާއި ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން