ވިލާ ކޮލެޖްގެ 2024 ވަނަ އަހަރުގެ މެއި އިންޓޭކުގެ ކުލާސްތައް ފެށުމުގެ ގޮތުން ވިލާ ކޮލެޖުގައި އޮރިއެންޓޭޝަން ހަފްތާ ފަށައިފިއެވެ. މި އޮރިއެންޓޭޝަން ހަފްތާ 19 މެއި 2024 އިން ފެށިގެން 25 މެއި 2024 އަށް ކުރިއަށްގެންދާއިރު، މި ސެޝަންތަކުގެ އެހީގައި ވިލާ ކޮލެޖަށް އަލަށް ވަންނަ ދަރިވަރުންނަށް ތަޢުލީމީ އެކި އުކުޅުތަކާއި، ވިލާ ކޮލެޖުގައި ދަރިވަރުންނަށް ފޯރުކޮށްދޭ ވަޞީލަތްތަކުގެ މަޢުލޫމާތާއި، ކޮލެޖުގެ އެކި އިޖުރާއަތްތަކާއި އަދި ކެމްޕަސްގައި ހުރި އެކިއެކި ވަޞީލަތްތަކަށް އަހުލުވެރިކުރެވިގެންދާނެއެވެ.

ވިލާ ކޮލެޖުގައި 2024 ވަނަ އަހަރު ކިޔަވަން ފެށި ދަރިވަރުންނަށް ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވަނީ އޮރިއެންޓޭޝަން ސެޝަންގައި ދަރިވަރުންނަށް އުނގެނުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ތަޢުލީމު އުނގެނުމުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމަށް އަލިއަޅުއްވާލާފައެވެ. އެއަށްފަހު، ވިލާ ކޮލެޖުގެ ރަޖިސްޓްރޭޝަން ޑިޕާޓްމެންޓުގެ ފަރާތުން ވަނީ ވިލާ ކޮލެޖުގެ އެގްޒެކެޓިވް މުވައްޒަފުންގެ ތަޢާރަފެއް ދީފައެވެ.

މި ސެމިސްޓަރުގައި ކިޔެވުމަށް ސެޓިފިކެޓް ލެވެލް 3އިން ފެށިގެން މާސްޓަރ ފެންވަރުގެ ކޯސްތަކާއި ހަމައަށް އަލަށް 1000އަށް ވުރެ ގިނަ ދަރިވަރުން ވިލާ ކޮލެޖާއި ގުޅިފައިވެއެވެ. މި ދަރިވަރުން ކިޔަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ސީދާ ވިލާ ކޮލެޖުން ހިންގާ ކޯސްތަކާއި ވިލާ ކޮލެޖާއި ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލަންޑް، ޓޭލާރސް ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާއާ ގުޅިގެން ހިންގާ ކޯސްތައް ހިމެނެއެވެ.

މި ސެމެސްޓަރުގައި، ވިލާކޮލެޖުގެ ފަރާތުން އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީ، މާސްޓަރ އޮފް އިންޖިނިއަރިން (އިލެކްޓްރޯނިކްސް)، މާސްޓަރ އޮފް އިންޖިނިއަރިން (އިލެކްޓްރިކަލް)، މާސްޓަރ އޮފް އިންޖިނިއަރިން (މެކޭނިކަލް)، މާސްޓަރ އޮފް އިންޖިނިއަރިން (މެކަޓްރޯނިކްސް)، މާސްޓަރ އޮފް އިންޖިނިއަރިން (ކޮމްޕިޔުޓިން)، ބެޗެލަރ އޮފް ސިވިލް އިންޖިނިއަރިން (އޮނާސް) އަދި ސެޓިފިކެޓް 3 އިން ކަލިނަރީ އާޓްސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން