ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަކީ މިހާރު ޑެތު ޒޯނެއް ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ، ޑަބްލިޔޫ އެޗް އޯގެ މިޝަނުން ބުނެފިއެވެ.

ޝިފާ ހޮސްޕިޓަލްގެ ހާލަތު ވަޒަން ކުރުމަށް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާގެ ޚާއްޞަ ޓީމެއް އިއްޔެ އެ ހޮސްޕިޓަލަށް ކުރި ޒިޔާރަތަށް ފަހު އެތަނުގެ ހާލަތު ބަޔާންކޮށް ނެރުނު ބަޔާނެއްގައި ބުނީ އެތަނުގައި މިހާރު ހަމައެކަނި ދިރި ތިބީ މަރުގެ ތުންފަތްމަތީގައި ތިބި ބައެއް ކަމަށެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑްނޮމް ގެބްރެޔެސަސް ވިދާޅުވީ އަލް-ޝިފާ ހޮސްޕިޓަލުން މިވަގުތު އެއްވެސް ވަރަކަށް ޞިއްހީ ޚިދުމަތްތައް ނުލިބޭ ކަމަށެވެ. އެހެން ކަމުން، އެ ހޮސްޕިޓަލުން ވަނީ އެތަނުގައި ތިބި ބަލިމީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް އެދިފައެވެ.

ޓެޑްރޯސް ވިދާޅުވިގޮތުގައި ޑަބްލިޔުއެއްޗްއޯއިން މިހާރު ދަނީ އެ ޖަމިއްޔާގެ ޕާޓްނަރުންނާއި ގުޅިގެން ބަލިމީހުން ހޮސްޕިޓަލުން ބޭރަށް ނެރުމުގެ މަސައްކަތް ކުރަމުންނެވެ."ޔޫއެންގެ ހައި ރިސްކް އެސެސްމަންޓް މިޝަން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލަށް ދިޔައިރު ފެނާއި، ކާނާ، ކަރަންޓް، ތެޔޮ އަދި މެޑިކަލް ސާމާނު ހުސްވެފައިވާކަން އެޓީމަށް ފާހަގަކުރެވުނު. އަޅުގަނޑުމެން ޕާޓްނަރުންނާ ގުޅިގެން އަވަސް އިވެކުއޭޝަން ޕްލޭނެއް އެކުލަވާލައި، މި ޕްލޭނަށް ފުރިހަމައަށް މަގުފަހިކޮށްދިނުމަށް އެދެމުން މިދަނީ." ހޮސްޕިޓަލްގެ ޙާލަތު ބަލަން ފޮނުވި ޑަބްލިޔުއެޗްއޯގެ ހައި ރިސްކް އެސެސްމަންޓް ޓީމަށް ފާހަގަކުރެވުނު ކަންކަން ބަޔާން ކުރަށްވަމުން ޓެޑްރޯސް ވިދާޅުވިއެވެ.

ޑަބްލިޔޫ އެޗް އޯ ގެ މިޝަން ޝިފާ ހޮސްޕިޓަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދިނީ އިޒްރޭލް ސިފައިންގެ ފުރިހަމަ ކޮންޓްރޯލާއެކުއެވެ. ހޮސްޕިޓަލުގެ ހާލަތު ވަޒަން ކުރުމަށް ޓީމަށް ދިނީ އެއްގަޑިއިރުގެ ވަގުތުކޮޅެކެވެ. މިޝަން އެތަނަށް ދިޔައިރު އިޒްރޭލު ސިފައިންގެ އަމުރާ އެއްގޮތަށް ހިނގާބިނގާވެ އުޅެވޭ މީހުންނާއި ގިނަ ސިއްހީ މަސައްކަތްތެރިން އެތަނުން ނެރެފައިވާ ކަމަށް މިޝަންގެ ރިޕޯޓުގައި ވެއެވެ.

"ހޮސްޕިޓަލްގެ ހާލަތު ވަރަށް ގޯސްކަމަށް މިޝަނުން ރިޕޯޓުކޮށްފައިވޭ. އެމީހުން ސިފަކުރީ އެއީ ޑެތު ޒޯނެއްގެ ގޮތުގައި. ބަޑީގެ ހަމަލާތަކާއި ރޮކެޓް ހަމަލާތަކުން އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބި ސިއްހީ އާލާތްތައް ވަނީ ހަލާކުވެފަ." ސިއްހަތު ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

ސާފު ބޯފެނާއި ކަރަންޓާއި ސިއްހީ ފަރުވާއަށް ބޭނުންވާ ސާމާނު ނުލިބޭތާ ދެ ހަފުތާއެއްހާ ދުވަސް ވުމުން ހޮސްޕިޓަލްގެ ޚިދުމަތްތައް ހުއްޓިފައިވާ ކަމަށް ޓީމުން ބުނެފައި ވެއެވެ.

"ކުނިއުކާ ނުހެދޭތީ މުޅި ތަންވަނީ ނުރައްކާތެރި ކުނި ގޮނޑަކަށް ބަދަލުވެފައި. އެތާތިބި ބަލި މީހުންނާއި ސިއްހީ އެހީތެރިންނަށް ވެސް ސިއްހީ ރައްކާތެރިކަމެއް ނެތް. އެތަނުގައި އެއްވެސް މީހަކަށް ރައްކާތެރި ކަމެއް ނެތް. އެތަނުން ބައްދަލުވި ސިއްހީ އެހީތެރިން އެދުނީ އަވަހަށް ރައްކާތެރި ތާކަށް ބަދަލުކޮށްދޭން." މިޝަނުގެ ރިޕޯޓުގައި ވެއެވެ.

ޑަބްލިޔޫ އެޗް އޯ މިޝަނުން ބުނީ އެމީހުން އެތަނަށް ދިޔައިރު އެތަނުގައި ތިބީ 25 ސިއްހީ އެހީތެރިންނާއި 291 ބަލިމީހުން ކަމަށެވެ. ސިއްހީ ފަރުވާ ދެވެން ނެތުމާއި ކާނާއާއި ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތް ނެތުމުން ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައިވެސް ގިބަ ބަޔަކު މަރުވެފައިވާ ކަމަށް މިޝަނުން ފާހަގަކޮށްފައި ވެއެވެ.

"އެތާތިބި ބަލި މީހުންގެ ތެރޭގައި ވަރަށް ހާލުބޮޑު 32 ކުޑަކުދިން ހިމެނޭ. ވެންޓިލޭޓަރާއި ނުލައި އައިސީޔޫގައި ދެމީހުން ތިބި. ޑައިލިސިސް ހަދަންޖެހޭ ބާވީސް މީހުން ޚިދުމަތް ނުދެވި ވަރަށް ހައްސާސް ހާލަތުގައި އެބަތިބި. ގިނަ މީހުންނަކީ ހަނގުރާމައިގެ ހަމަލާތަކުގައި ވަޒަން އަރައި ފިހި ތަންތަން ބިނދި އެކަނިހާލާއިގެން ހެލިފެލިވެ ނޫޅެވޭ މީހުން." މިޝަނުން ރިޕޯޓުކޮށްފައި ވެއެވެ.

ގިނަ ބަލިމީހުންގެ ހާލަތަށް ބަލާފައި ސިއްހީ ހިދުމަތްތެރިން އެދުނީ އެތަނުން ފުރާނަ ސަލާމަތް ކުރުމުގެ ފަރުވާ ނުލިބޭ ބަލިމީހުން ބޭރަށް ގެންދިއުމަށެވެ.

އިޒްރޭލުން ބުނަނީ އަލް ޝިފާ ހޮސްޕިޓަލަކީ ހަމާސްގެ އަސްކަރީ މަރުކަޒެއް ކަމަށެވެ. އެކަމުގެ ބަހަނާގައި އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލު ހިސާރުކޮށްފައިވާތާ ގިނަ ދުވަސް ތަކެއް ވެއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން