ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސް، ރައްޔިތުންނަށް ދޭ ޚިދުމަތެއް ހުއްޓާލާކަށް ނާންގާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެ ކޮމިޝަނުން ހުއްޓުވަނީ އެކަންކަމާ ގުޅިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ތަޙުޤީހުތައް ކުރިއަށްގެންދާތީކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ މިގޮތަށް އަންގާ އެންގުމަކީ، ވަގުތީގޮތުން އަންގާ އެންގުންތަކެއް ކަމަށެވެ. އަދި ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ، އެ ބަދަލެއް ކޮމިޝަނުން ގެނެސް، އެ އެންގުމެއް ރައްދުވާ ފަރާތަށް އެކަން އަންގަމުންގެންދާނެ ކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސް، އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް ކޮމިޝަނުން އަންގާފައި ނުވާނެކަމަށެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަޙުޤީގުތައް ވީހާވެސް އަވަހަށް ނިންމުމަށް، ކޮމިޝަނުން ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

އޭަސީސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އިންތިގާލީ މަރުހަލާގައި ބައެއް ކުންފުނިތަކުން ކުރާ މަސައްކަތްތައް މަޑު ޖައްސާލުމަށް އޭސީސީން އަންގާފައިވާތީ އެފަފަ ކަންކަން އޮޅޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު