އެއާޕޯޓް ތެރޭގައި ޢާންމުންނަށް އުނދަގޫކުރި ޗައިނާ އަންހެންމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި އެ އަންހެންމީހާ މާލޭގެ ފުލުސް ސްޓޭޝަނެއްގައި ފޮށިތަންމަތި ހިފައިގެން ދިރިއުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވިއެވެ. މިކަމާއި ގުޅޭގޮތުން އިމިގްރޭޝަނާއި ސުވާލުކުރުމުން އިމިގްރޭޝަނުން ބުނީ އޭނާ އިމިގްރޭޝަނުގެ ޑިޓެންޝަން ފެސިލިޓީއަށް ނުގެންދިޔައީ އަންހެނަކު ބަހައްޓާނެ ތަނެއް އެތަނުގައި ނެތުމުން ކަމަށެވެ. އެހެން ނަމަވެސް، މިއަދު އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި އޭނާ ވަނީ އިއްޔެއިން ފެށިގެން އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީއަށް ގެންގޮސްފައެވެ.



މި ބަޔާނުގައި އިމިގްރޭޝަނުން ބުނީ ފޮރިން މިނިސްޓްރީއާއި ގުޅިގެން އޭނާ އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެހާތަނަށް އޭނާ އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި މަޑުކުރާނެ ކަމަށެވެ. އިމިގްރޭޝަނުން މިފަދައިން އަމަލު ކުރުމަށް ނިންމީ އޭނާ ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައިވެސް އެއަންހެންމީހާގެ ފަރާތުން އާންމުންނަށް އުނދަގޫވާފަދަ އަމަލުތައް ފެންނަމުންދާތީއެވެ.

މި އަންހެންމީހާ ވަނީ 19 އޮކްޓޫބަރުގައި ވެލާނާ އެއާޕޯޓް ތެރޭގައި ޢާންމުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް އަދި އެއާޕޯޓްގެ އެކި ތަންތަނަށް ކުޅު ޖަހައި ހަދާފައެވެ. އެކަމުގެ ސަބަބުން އެދުވަހު ޓޫރިސްޓް ޕޮލިހުން ވަނީ އޭނާ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

މި އަންހެންމީހާ އިމިގްރޭޝަނާއި ހަވާލުކޮށްފައިވަނީ އެދުވަހު އެނބުރި ޤައުމަށް ދާން ޗެކިންވެ، އިމިގްރޭޝަން ކްލިއަރެންސް ނިމުނު ފަހުން ފްލައިޓަށް އެރުމަށް ދެކޮޅު ހެދުމުން، ފްލައިޓުން އޮފްލޯޑްކޮށްފައި ވުމުންނެވެ.

އޭނާ އެއާޕޯޓްގައި އެގޮތަށް ކަންތައްކޮށްފައިވާއިރު، އޭނާގެ ޓޫރިސްޓް ވިޒާގެ މުއްދަތު ވަނީ ހަމަވެފައި ކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ. އަދި ވީއެންމެ އަވަހަށް ރާއްޖެއިން ފުރުމަށް އިމިގްރޭޝަނުން ވަނީ އޭނާއަށް އަންގާފައެވެ.

އެކަމަކު އޭނާގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބިފައިނުވުމުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު އޭނާގެ އާއިލާއާއި ވާހަކަދައްކައިގެން ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިމިގްރޭޝަނުން ފޮރިން މިނިސްޓްރީގައި ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު