އެފްއެސްއެމްގެ ލިޔުންތައް ނައްތާލި މައްސަލައިގައި އޭނާގެ ކުށެއް ނެތް ކަމަށާއި އަދިވެސް ހުންނެވީ މައިންބަފައިން ދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ގަސަމް ވިދާޅުވީ މި މައްސަލައިގައި ބައެއް މީހުން މީސް މީޑިއާގައި އޭނާ ބަދުނާމު ކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ނާޖާއިޒު ފައިދާއެއް ލިބިފައި ނުވާނެ ކަމަށާއި ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމުގައި ގަސަމް ވިދާޅުވިއެވެ. އަދި ކުންފުންޏަށްޓަކައި އޭނާ މިހާތަނަށް ކޮށްފައިވާ ހުރިހާ މަސައްކަތަކީވެސް ކުންފުނީގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތައް ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.



މިދިޕޔަ އާދީއްތަ ދުވަހު ކ. ތިލަފުށީގައި އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ނައްތާލަމުން ދިޔަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އާންމުކުރީ އެ ކުންފުނީގެ މުވައްޒަފެކެެވެ. އެ މުވައްޒަފު ވަނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ.

ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުން ދާ ކަމުގެ މައުލޫމާތު ލިބޭތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެދިފައެވެ. އަދި މިއީ ޤައުމީ އަރުޝީފުގެ ޤަވާއިދާއިވެސް ޚިލާފަށް ކުރި ކަމެއް ކަމަށް ޤައުމީ އަރުޝީފާއި ބެހޭ އިދާރާއިންވެސް ބުނެފައި ވެއެވެ.



ލިޔުންތައް ނައްތާލި މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމުން އެފްއެސްއެމުން ބުނީ ނައްތާލީ ގިނަ ދުވަސްވެ ހަލާކުވެފައިވާ ލިޔުންތަކެއް ކަމަށާއި މުހިންމު ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު