ރާޔާ ރިޟާ   15 އޮކްޓޯބަރު 2023 - 9:56
މަހަށް ނިކުތް ފަހުން ޚަބަރެއް ނުވާތީ ހޯދަމުންދާ ޔޫސުފް ނައީމް އަދިވެސް ނުފެންނަ ކަމަށް ދަނގެތި ކައުންސިލުން ބުނެފިއެވެ.

ޔޫސުފް ނައީމް ޚަބަރެއްނުވެ ގެއްލިފައިވަނީ އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުތްފަހުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ. އުމުރުން 65 އަހަރުން މަތީގެ މިމިހާއަކީ އާދަައިގެ މަތިން އެކަނި މަހަށް ގޮސް އުޅޭ މީހެއް ކަމުގައި ދަނގެތި ކައުންސިލުގެ ރައީސް "ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އަދި އޭނާ ގެއްލުނުކަން އިއްޔެ ހެނދުނުގެ ވަގުތެއްގައި ރަށުގެ ރައްޔިތުންނަށް އެނގުނީ އޭނާ ދަތުރުކުރި ދޯނި ފެނުނުއިރުގައި އޭނާ އެ ދޯނީގައި ނެތްކަން ފާހަގަވެގެންނެވެ. މިހާރު ރަށުގެ ޑައިވަރުންނާއި ފުލުހުންނާއި އެމްއެންޑީއެފްއާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އަދިވެސް އޭނާ ނުފެންނަ ކަމަށް ދަނގެތި ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހެނދުނު 11:42 ހާއިރުއެވެ.



ކިޔުންތެރިންގެ ހިޔާލު