މިއަދަކީ ޅަދަރިންގެ ނެޕީ ބަދަލްކުރާހާ ފަސޭހައިން ގާނޫނު އަސާސީ ބަދަލްކުރެވޭ ޒަމާނެއްކަމުގައި ޖޭޕީގެ ނައިބް ރައީސް އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ފާޑުވިދާޅުވެ އަމީން އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް ތަކުލީފް ޖައްސާފަދަ އުސޫލުން ކަންކަން ވަމުންދާކަމީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަަށެވެ.

ރައްޔިތުކަމާ ޕީއާރ ފަދަ ހިދުމަކީ އެ ހިދުމަތް ފޯރުކޮށްދޭ ގައުމުތަކުގައި ވަރަށް ހަރުދަނާ ގަވާއިދުތައް ހަދައިގެން ޒިންމާދާރުކަމާއިއެކު ފޯރުކޮށްދޭ ހިދުމަތަކަށްވާއިރު ރާއްޖޭގައި އެކަން އެއުސޫލުންނުދާކަމީ ކަންބޮޑުވާކަމެއްކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުކަމާ ޕީއާރ ފަދަ ޚިދުމަތަކީ އެޚިދުމަތްދޭ ގައުމުތަކުގައި ވަރަށް ހަރުދަނާ ގާނޫނާ ގަވައިދުތައް ހަދައިގެން ޒިންމާދާރުކޮށް ކުރާ ކަމެއް. ޅަދަރިންގެ ނެޕީ ބަދަލުކުރާހާ ފަސޭހައިން ގާނޫން އަސާސީ ބަދަލްކުރެވޭ އިރެއްގައި، ދިވެހި ރައްޔިތުންނަށް ތިކަން އަހުވަ އަކަށް ނުވެއްޖިއްޔާ ކަލާކޮ!" އަމީން ވިދާޅުވިއެވެ.

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން މަޖިލިސް ރައީސް ނަޝީދަށްވަނީ އަމާޒުވެފައެވެ.

ނަޝީދު ބޭނުންފުޅުވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން، މި މައްސަލައިގައި މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވެސް ދެކޮޅު ހެއްދެވި އެވެ. އެ މެމްބަރުންގެ ނަޒަރުގައި ރާއްޖޭގައި ގެއަކަށް ކުލި ދައްކާތާ 10 އަހަރު ވެފައިވާ ބިދޭސީއަކަށް ރެޒިޑެންޓް ވިސާ ދިނުމަކީ، މާބޮޑު ފައިދާއެއް ނެތް އަދި އެއިން ލިބިދާނެ ގެއްލުންތައް ގިނަ ކަމެކެވެ.

ރައީސް ނަޝީދުގެ މިހުށަހެޅުއްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒުވެފައިވާއިރު، ބައެއް ސިޔާސީ ބޭފުޅުންވަނީ އެމަނިކުފާނުގެ މަގްސަދަކީ މިފަދަކަންކަން ގެނެސްގެން ވެރިކަން ފުރޮޅާލުންކަމަށް ސިފަކުރައްވާފައެވެ. ގިނަ މީހުން ދެކޭގޮތުގައި ގެއެއް ކުއްޔަށް ހިފައިގެން، އެ ގެ އަށް 10 އަހަރު ވަންދެން ކުލި ދެއްކުމުން ބިދޭސީންނަށް ރަށްވެހިކަން ދިނުމަކީ، އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ގައުމަށް ފޫނުބެއްދޭނެ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު