ސަރުކާރުން އެންމެފަހުން އިއުލާންކުރެއްވި ބޯހިޔާވަހިކަމުގެ މަޝްރޫޢާއެކު އެތައް ބަޔަކަށް އުފާވެރިކަން ލިބިގެން ގޮސްފައިވާކަމަށް ރައީސް އޮފީޙުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އިއްޔެ ވަނީ މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ބޯހިޔާވަހިކަމުގެ އައު ސްކީމެއް ހުޅުވާލާފައެވެ. މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުންނެވެ.

އުތުރުތިލަފަޅުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ، އެ ތަނަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ތަނެއްކަމަށް ދޭހަވާގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދަނިކޮށެވެ. ސަަރުކާރުގެ އޮޕިޝަލުން ވިދާޅުވާގޮތުގައި އުތުރުތިލަފަޅުން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމުމާއެކު އުތުރުތިލަފަޅާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ އަސްލެއް ނެތްކަން ހާމަވެގެންގޮސްފައިވާ ކަމަށެވެ.



ރައީސް އޮފީޙުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ އުތުރުތިލަފަޅުން ގޯތި ދޫކުރަން ނިންމެވި ނިންމެވުމަކީ އެތައް ހާސް އާއިލާއަކަށް ލިބުނު އުފާވެރިކަމެއްގެ އިތުރުން، އެއީ އެމީޙުންގެ ހަޔާތަށް އައި އުޖާލާ ކަމެއްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އުތުުރުތިލަފަޅަކީ ބޭރު ބައެއްގެ ކޮންޓްރޯލް އޮތްތަނެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏަސް، އަލީ ޒާހިރު ވިދާޅުވީ އެތަނުގައި ދިރިއުޅޭނީ ދިވެހި އާއިލާތައްކަމަށެވެ.

ސަރުކާރުން މިހާރު ވަނީ އުތުުރުތިލަފަޅުން ގޯތިދޭން ހާއްސަ ކުރާ ސަރަހައްދުގެ ޗާޓުވެސް އާއްމުކޮށްފައެވެ. އެގޮތުން ގިރާވަރު އުތުރުފަޅުން ގޯތި ދޫކުރަން 5,525,000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވާއިރު މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަން ނުވަތަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރާއިރު 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް 4000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު