އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަށް މިއަދު ގެއްލުންތަކެއް ދިން މައްސަލަ ބަލަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކޯގަންނު ގަބުރުސްތާނަށް ބަޔަކު މީހުން ގެއްލުންދީފައިވަނީ މިއަދު ހުކުރު ވަގުތުގައެވެ. އައްޑޫ ސިޓީކައުންސިލުން މިހާރު ވަނީ އެމައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.

އެކަމާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މިއަދުގެ ހުކުރު ނަމާދު ވަގުތުގައި ކޯގަންނު ގަބުރުސްތާންގެ މަހާނަ ގާތަކަކަށް ގެއްލުންދިން މައްސަލާގައި އައްޑޫ ސިޓީ ކައުންސިލާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޔުމްނާ ވަނީ ދުވަސްވީ އާސާރުތަކަށް ގެއްލުންދިނުމަކީ ގާނޫނީ ކުށެެއްކަން ފާހަގަކުރަށްވާފައެވެެ. އެކަމަނާ ވިދާޅުވީ، ދުވަސްވީ އާސާރު ތަކަށް ގެއްލުންދިނުމަކީ ވަރަށް ދެރަކަމެެއް ކަމަށެވެެ.

"މި ފަދަ ދުވަސްވީ އާސާރުތައް ގަސްތުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ވަރަށް ދެރަ ކަންކަން. ރަށަށާއި އަތޮޅަށާއި ޤައުމަށް ވެސް ލިބޭ ބޮޑު ގެެއްލުމެއް. މިހާރު މިއީ ޤާނޫނީ ކުށެއް. މި މައްސަލަ މިހާރު ބަލަމުން އެބަދޭ." ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ ވިދާޅުވި އެވެ.

ކޯގަންނު ޤަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ ތަނެކެވެ. ނުވަސަތޭކައެއްހާ ދިގު މާޒީއެއް އޮތް ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ފެންނަން ހުރި ޤަބުރުސްތާނު ކަން ވެސް ފާހަގަކޮށްލެވެއެެވެ.



ކިޔުންތެރިންގެ ހިޔާލު