ބޭރު ގައުމުތަކުން ނަގާ ލޯނުތަކުގެ މައުލޫމާތު ސަރުކާރުން ސިއްރު ނުކުރާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތަކާއި ގުޅޭގޮތުން ކެމްޕޭން ތެރޭގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ދައްކަވާ ވާހަކަތަކާއި ގުޅިގެންނެެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރުން ނުގެންގުޅުއްވާކަމަށެވެ.

އަމީރު ވިދާޅުވީ، ގާނޫނުގައިވާގޮތަށް މަޖިލީސް އަދި އެމްއެމްއޭ އާއި މައުލޫމާތުތައް ހިއްސާކުރައްވާކަމަށާއި އެހެނިހެން މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް އަމީރު ވިދާޅުވިއެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، މައުލޫމާތު ހާމަނުކުރާކަމުގެ ވާހަކައަކީ 2013-2018 ވަނަ އަހަރާއި ދެމެދު މަޖިލީހަށް ދަރަންޏާއި މާލީ ހާލަތު ފަދަ މައުލޫމާތުތައް ހިމެނޭ ރިޕޯޓުތައް ފިނޭންސް އިން ފޮނުވުމުން އެތަކެތި ފޮރުވައިގެން އުޅުނު ބަޔަކު ދައްކަން ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަދި އަބަދު އޮޅުވާލަންށާއި މަކަރު ހެދުމަށް މަސައްކަތްކުރުމަކީވެސް އެހާ ރަނގަޅުކަމެއް ނޫންކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކޮށްދޭން މިއަދު ވައުދުވެފައި މާދަމާ ބަދަލުނުކުރާނެ ކަމަށެވެެ. އެގޮތުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުސާރަ އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކޮށްދެއްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ރޭ ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅުު ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ބޭރު ގައުމުތަކުން ނަގާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ފަދަ މައުލޫމާތުތައް މި ސަރުކާރުގައި އޮންނަނީ ސިއްރުކޮށްފައި ކަމަށާއި އެއީ އެކަން ހިނގަންވާނެ ގޮތެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު