އިންޑިއާއިން ބޮޑު ލޯނެއް ނަގަން ދިވެހި ސަރުކާރުން އެދިފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާއިން 194 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3 ބިލިއަން ރުފިޔާގެ ލޯނެއް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިންޑިއާގައި އެދިފައިވާކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ހަބަރުތައް ފެތުރުމާއި ގުޅިގެނެވެ.

މި ހަބަރު ފެތުރި މީޑިއާތަކުން ބުނާގޮތުން ފިނޭންސް މިނިސްޓްރީގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވަނީ މިއަދު ބައްދަލުކޮށް، މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.



ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން 3 ބިލިއަން ރުފިޔާގެ ލޯނެއް ނަގަން އިންޑިއާގައި އެދިފައިވާކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށެވެ. އަދި އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށްނުދާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ދޮގު ހަބަރު ފެތުރިކަމަށް ސަރުކާރުން ތުހުމަތުކުރާ ނޫހުން ބުނެފައިވަނީ ސަރުކާރުން މި ފައިސާ ލޯނުގެ ގޮތުގައި ނެގުމަށް ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކައިގެންކަމަށެވެ. އެގޮތުން 194 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު އެސްބީއައި މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން އެދިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ޚަރަދުކުރުމަށްކަމަށްވެސް މި ހަބަރު ފެތުރި ނޫހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު