ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދިއުމުގެ ވިސްނުމަކީ ކުއްލިއަކަށް ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި މާ ކުރިންވެސް ތިއްބެވީ އެކަމަށް ތައްޔާރުވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ އެމްޑީޕީން މިއަދު މާލޭގައި ކުރިއަށްގެންދިޔަ ދޮރުންދޮރަށް ހަރަކާތުގެ ތެރެއިން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމްޑީޕީ ތެރޭގައި އެކަމުގެ މަޝްވަރާތައް މާ ކުރިންވެސް ކުރެވުނު ކަމަށެވެ.

އެގޮތުން އެމްޑީޕީ ބައިބައި ނުވެ އެއްކޮށް އޮތް ދުވަސްވަރު ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދާން ބޭނުންވެއްޖެ ޙާލަތެއްގައި އެކަމަށް ފުރުޞަތު ހުޅުވާލަން މަޝްވަރާ ކުރެވުނުކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

"މިއީ ކުރިން ނުދެކެވި އޮތް ވާހަކައެއް ނޫން. ކުއްލިއަކަށް ނިމިގެންދިޔަ ކަމެއް ނޫން މިއީ،" ރައީސް ވިދާޅުވިއެވެ.

ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހަށް ހުށަަހަޅާފައިވަނީ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުނަނަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީންނެވެ. މިހާރު ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގަރާރު ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި މިހާރު އީސީން ދަނީ އޮކްޓޫބަރ 30ގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތްތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު