ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އިލެކްޝަނަށް ފޮނުއްވާފައިވާ ޤަރާރާއި ގުޅޭގޮތުން މައުލޫމާތެއް ހޯދަން އިލެކްޝަނުން މަޖިލީހުގައި އެދިއްޖެއެވެ.

ނިޒާމީ ވޯޓާއި ގުޅޭގޮތުން މައުލޫމާތު ހޯދަން މަޖިލީހުގައި އެދެެން އިލެކްޝަނުން ނިންމީ ރައްޔިތުންގެ މަޖިިލީހުން އިއްޔެ ފާސްކުރި ނިޒާމީ ވޯޓު ނެގުމާބެހޭ ގަރާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވުމުން އެކަމާއި ގުޅޭ ގޮތުން ޤާނޫނީ ލަފާތައް ހޯއްދެވުމަށްފަހުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤަރާރާއި ގުޅޭގޮތުން ޤާނޫނީ ލަފާ ހޯދުމަށްފަހު، އެފަދަ ވޯޓެއް ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދަންނަވާފައިކަމަށެވެ.



ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށްވެސް ފޮނުވާފަކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.

މި ގަރާރު މަޖިލީހަށް ހުށަަހަލާފައިވަނީ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުނަނަވައިގެން އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިކަމުގެ އިންތިޚާބީ މަސައްކަތްތަކަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި އެކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް 30 ނުވަތަ 40 ވަރަކަށް ދުވަސް ހޭދަކުރަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި ހަމައެއާއިއެކު، ވޯޓު ނެގުމުގެ ކުރިން ބަރުލަމާނީ އަދި ރިޔާސީ ނިޒާމަކީ ކޮބައިކަން އޮޅުންފިލުވައިދީ ރައްޔިތުން ހޭލުންތެރިކުރުވުން މުހިންމު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު