ދެވަނަ ބުރުގައި ވޯޓްލާން ރީރަޖިސްޓްރީ ވުމަށް 47،000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައި ވާ ކަމަށެވެ. އަދި އޭގެ ތެރެއިން 19 ހާހަށް ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

އަދި ހަމައެއާއިއެކު، 27 ހާހަށް ވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީ އިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ. އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެ." ހަބީބު ވިދާޅުވެފައި ވެއެވެ.

ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށް ހަބީބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރަސްވެސް، އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގ ގައި ހުންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ.

ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހުއެވެ. އަށް ކެންޑިޑޭޓުން ވާދަކުރެއްވި މިފަހަރުގެ ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46.08 އިންސައްތަ ވޯޓު ލިބިވަޑައިގަތް ޑރ. މުޙައްމަދު މުޢިއްޒުއާއި 39 އިންސައްތަ ވޯޓު ލިބިވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން