އެމްޑީޕީން މިހާރު ވިސްނަންވީ ދެން އުފެދޭ ރިޔާސަތެއްގެ ބާރުތަކާ ގުޅޭ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އިސްކޮށް މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓްސް ޕާޓީން އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެެވެ. އެގޮތުން މި މަހު 25 ގައި ވޯޓު ނަގައި، ނިޒާމު ބަދަލުކުރަން ފެންނަ ނަމަ 30 ވަނަ ދުވަހު އިންތިހާބުކުރާ ރައީސް ބަރުލަމާނީ ވެރިކަމުގެ ރައީސަށް ހެދުމަށް އެޕާޓީން ވަނީ ހުށައަޅާފައެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދެވަނަ ބުރުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

"ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް. އެމްޑީޕީ މިވަގުތު ވިސްނަންވީ އުފެދޭ ރިޔާސަތުގެ ބާރުތަކާ ގުޅޭ ގޮތުން،" ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއިދު ކުރާނެ ގޮތެއް ނިންމުމަށް ރައީސް ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން އެމްޑީޕީއާއި ޕީޕީއެމާއެކު ވެސް ކޯލިޝަން މަޝްވަރާތައް އެޕާޓީން އަންނަނީ ކުރަމުންނެެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. ދެވަނަ ބުރުގެ ވޯޓްލުން ބޭއްވުމަަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން