ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ދެވުނީ މިދިޔަ ފަސް އަހަރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ޑިމޮކްރެސީގެ ދުވަހާއި ގުޅުވައިގެން ދެއްވި ޚާއްސަ ޙިތާބުގައިއެވެ.

ރައްޔިތުންނާއި މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުން ކަމުގައެވެ. އަދި ރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައިކަން ޔަޤީން. ނޫސްވެރިކަން ކުރުމުގެ މިނިވަން މާޙައުލެއް ރާއްޖޭގައި ޤާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް." ރައީސް ޞާލިޙު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ބޭނުން ހިފާ އިރު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ޙައްޤުތަކެއް ކަމަށެވެ.

ހަމައެއާއިއެކު، ޤައުމުގެ ކަންކަމުގައި ބަސް ބުނެ ޚިޔާލު ފާޅުކުރުމުގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެެވެ. އެކަމަށްޓަކައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ޤާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކުން އެންމެ ހެޔޮ ނަތީޖާއެއް ފެންނަމުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށްވެސް، ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްަތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ޒަމާނީ ޑިމޮކްރެސީގެ އިމުގެ ތެރެއަށް ދިވެހިރާއްޖެ ހިމުންވެ ފައްކާވެގެން ދިއުމުގައި، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ހިތްވަރާއި މަތިވެރި ޤުރުބާނީގެ ހިއްސާ ވަރަށް ބޮޑު. ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ނިންމުމުގައި، ބަސް ބުނެ ގޮތް ކަނޑައެޅުމުގެ ބާރު ރައްޔިތުންނަށް މިއަދު ލިބިފައިވަނީ، މުޅި ޤައުމުގެ ހެވާއި ލާބަޔަށްޓަކައި ހަމަ އަޅުގަނޑުމެންގެ ތެރެއިން ތެދުވި ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން." ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެސީގެ މަގުގައި ރާއްޖެއަށް އައި ބަދަލުތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުޞަތުތަކާއި ހަމަހަމަ ޙައްޤުތަކުން ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެ އުޞޫލުތައް ކަނޑައަޅައި، ތަންފީޒުކުރަން ފެށި ފަހުން، ޤައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ނުހަނު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން