ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ އާއި ކޯލިޝަން ހެދުމަށް އޮތް ހުށަހެޅުމަކީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކަންކުރާނެ ގޮތެއް ނިންމުމަށް ޑިމޮކްރެޓްސްގެ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން އެމްޑީޕީއާއި ޕީޕީއެމާއެކު ވެސް ކޯލިޝަން މަޝްވަރާތައް އެޕާޓީން ވަނީ ފަށާފައެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އިލްޔާސްގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވެސް މިއަދު ވިދާޅުވީ ޑިމޮކްރެޓްސް އިން މަޝްވަރާކުރަނީ އެކަމާ މެދު ކަމަށެވެ.

އަމްރު ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރެވޭނީ އެގޮތަށް މަސައްކަތް ކުރެވޭ ނިޒާމެއް އޮވެގެން ކަމަށެވެ. އެ ކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގޭ ނިޒާމަކުން ކަމަށާއި އެކަން މިދިޔަ ތިން ދައުރުން ވެސް ސާފުވާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އަމްރު ވިދާޅުވީ އެހުށައެޅުމުގައިވާގޮތުން ނިޒާމާ ގުޅޭ ވޯޓަކަށް އަހާނީ މި މަހު 25 ގައެވެ. އަދި ދެވަނަ ބުރުގެ ވޯޓު ކުރިން ވެސް ތާވަލުކޮށްފައި އޮތް ގޮތަށް މިމަހުގެ 30 ގައި ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

"ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިހާބެއްގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭ." އަމްރު ވިދާޅުވިއެވެ.

އަދި 25 ގައި ނަގާ ވޯޓުގައި ނިޒާމް ބަދަލުކުރަން ރައްޔިތުންނަށް ވޯޓު ދީފި ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން މިމަހު 25 ގައި ނިޒާމީ ވޯޓަކަށް ދިޔުމަށް ޑިމްކޮރެޓްސް އިން ހުށައަޅާފައިވާއިރު ނޮވެމްބަރު މަހު 30ގެ ކުރިން ނިޒާމް ބަދަލުކުރުމާ ގުޅޭ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް އެޕާޓީން މިހާރު ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން