ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުކޮށްފައިވާ ކަމަށާއި އިންތިހާބު ބާތިލު ކުރާ ވަރަށް ބާތިލު ވޯޓު އެބަހުރި ކަމަށް، އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސީދާ ހެޔޮފާހަގައެއްކަން އެނގޭއިރު ވެސް ބައެއް ވޯޓުތައް ބާތިލުކޮށްފައިވާ ކަމަށެވެ.

އަދި އީސީން އިންތިހާބު އިންތިޒާމުކުރުމުގައި ގިނަ މައްސަަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހިފައިގެން ސުޕްރީމް ކޯޓަށް ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން އެމްޑީޕީން ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އެއް ވަނަ އާއި ދެވަނަ ހޯއްދެވި ދެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަގު ބާތިލް ވޯޓަށް ވުރެ މާ ބޮޑު ކަމަށެވެ. އަދި ދެ ވަނަ އާއި ތިން ވަނަ ކެންޑިޑޭޓްގެ މެދުގައި އޮތް ފަރަގު ވެސް، ބާތިލް ވޯޓަށް ވުރެ ބޮޑު ކަމަށް ފުއާދު ވިދާޅުވިއެވެ.

އެހެންވީމާ މާރިޔާ ދައްކަވާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން ފުއާދު ވަނީ ސާބިތު ކޮށްދެއްވާފައެވެ.

މީގެއިތުރުން ހިނގާބިނގާވެ އުޅުމަށް ދަތި ބޭފުޅުންނާއި ދުވަސްވީ ބޭފުޅުން ވޯޓުލައްވަން ވަޑައިގެންނެވުމުން ފުރޮޅުލީ ގޮނޑި އިންތިޒާމުކޮށްދީފައި ނުވާކަމާއި ދުވަސްވީ މީހުންވެސް އެތައް އިރަކު ކިޔޫގައި ތިބެން ޖެހުންފަދަ އިންތިޒާމީ މައްސަލަތައް ހުރިކަން މާރިޔާ ވަނީ ފާހަގަ ކުރަށްވާފައެވެ. މިކަން ކަމަށް ރައްދު ދެއްވަމުން ވުފުއާދު ވިދާޅުވީ އެއްވެސް އިންތިހާބެއްގައި އިލެކްޝަނުން ފުރޮޅުލީ ގޮނޑީގެ އިންތިޒާމު ހަމަޖައްސައި ނުދޭ ކަމަށެވެ. ނަމަވެސް އެހެން ކަންކަމުގެ އިންތިޒާމުތައް މިފަހަރު ރަނގަޅުކަން އޮބްޒާވަރުން ވެސް ފާހަގަ ކުރަށްވާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން