ދާއިރާތަކުގެ ރައްޔިތުންނާއި މަޖިލިސް މެމްބަރުންނާއި ދެމެދު ޖެހޭ މައްސަލައަކުން ސަރުކާރަށް ނުވަތަ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދޭ ވޯޓަށް ހުރަސް އެޅިގެންނުވާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ ވިދާޅުވީ، ރައީސް ސާލިޙުގެ ސަރުކާރަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ދާއިރާތަކުގެ ރައްޔިތުންނާއި މަޖިލިސް މެމްބަރުންނާއި ޖެހޭ މައްސަލަަައަކުން ސަރުކާރަށް ނުވަތަ ރައީސަށް ދެވޭ ވޯޓަށް ހުރަސް އެޅިގެންނުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ދޭ ވޯޓަކީ ދާއިރާގެ މެމްބަރަށް ނުވަތަ ދާއިރާގެ ރައީސަށް ދެވޭ ވޯޓެއް ނޫން ކަމަށެވެ. އެގޮތުން ރައްޔިތުން އިންތިހާބުގައި ވޯޓްލާންޖެހެނީ ގައުމުގެ މުސްތަގުބަލާއި ވޭތުވެ ދިޔަ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބެލުމަށްފަހު އެމީހަށް ގަބޫލުކުރެވޭ ހަމަޔާއި އުސޫލުގެ ތެރެއިން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ސަރުކާރު އޮތީމާ ބޭނުންހާ ކަމެއް ނުވެގެން ހިތްހަމަނުޖެހިފައި ހުރި މީހަކު ހުރެދާނެ، އެހެން ނަމަވެސް އިއްޔެ ވީ ކަންތަަކާއި ރަށުގައި ކޮށްފައި ހުރި މަސައްކަތާއި މާދަމާ ވާން ހުރި ކަންތަކާއި މިހުރިހާ ކަންކަމަށް ވިސްނާފައި އަޅުގަނޑުމެން މިއަދު ކަންކަން ނިއްމަންޖެހޭނީ،" ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ ގައުމު ފަހަތަށް ގެންދެވެން ނެތް ކަމަށާއި އިއްޔެގެ އަނިޔާވެރިކަމަށް އަލުން އަނބުރާ އިއާދަވެގެން ނުވާނެ ކަމަށެވެ. ރައްޔިތުން މި އިންތިހާބުގައި ވޯޓް ދޭންޖެހޭނީ އެކަންކަމަށް ފުންކޮށް ވިސްނުމަށްފަހު ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި އެ ނޫންގޮތަކަށް ރައްޔިތުން ވޯޓު ދީފިނަމަ ކުރެވުނު ކަންކަމުގެ ހިތާމަ އަޅުގަނޑުމެންނާއި ބައްދަލުކުރާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ މާޒީ އާއި އަޅުގަނޑުމެންގެ މުސްތަގުބަލާއި މިހުރިހާ ކަމަކަށް ވިސްނާފައި ރަށުގެ ތަރައްގީ އާއި ވެގެންދިޔަ ކަންތައްތަކާއި ވާން ހުރި ކަންތައްތަކާއި ދެން ބަދަލެއް ގެނައީމަ ވާނެ ކަންތައްތަކާއި، މިކަންކަމަށް ރައްޔިތުން ފުންކޮށް ރިއާޔަތްކުރަން އެބަޖެހޭ، ހަމައެއާއެކު އަޅުގަނޑުމެން އެބަޖެހޭ ޖެހިފައިވާ ހިތްހަމަނުޖެހުމެއްގެ ސަބަބުން މިލާ ވޯޓްގެ ސަބަބުން ނިކުންނާނެ ނަތީޖާ އާއި މެދު ވިސްނާފައި އެކަން ނިއްމަން،" ޣަފޫރު ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި އަށް ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށް ވުރެ މަތިން ވޯޓް ލިބިވަޑައިނުގަތުމުން އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. ދެވަނަ ބުރުގައި ވާދަކުރައްވަނީ އިންތިހާބުގައި އެންމެ ގިނައިން ވޯޓް ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން