ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ފާރިސް މައުމޫނާއި އޭނާގެ ޓީމުން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފިއެވެ.

ފާރިސްއާއި އެކީ ޕީޕީއެމް-ޕީއެންސީގެ ބޭފުޅުންނާއި ބައްދަލުކުރެއްވި ޓީމްގައި އިސްކޮށް ހުންނެވީ އަނީސާ އަޙްމަދެވެ.

ފާރިސް ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ މިއަދު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ ބައްދަލުކޮށް، ފުޅާދާއިރާއެއްގައި ކުރި މަޝްވަރާތަކުގެ ތެރެއިން ފާހަގަކުރެވުނު އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ އިސްލާހަށް އޭނާގެ ސިޔާސަތުތައް ހިއްސާކުރެއްވި ކަމަށެވެ.



"އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލުކުރާ ގޮތުގައި މި ސިޔާސަތުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އިންސާފާއި ހަމަހަމަކަން އިތުރުކުރުމާއި، ޤައުމީ އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް މުހިންމު ސިޔާސަތުތަކެއް." ފާރިސް ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ބައްދަލުކުރެއްވިޔަސް، ދެވަނަ ބުރުގައި އޭނާ ތާއީދުކުރައްވާ ކެންޑިޑޭޓެއްގެ ނަން ހާމަކުރައްވާފައި އަދި ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ފާރިސްއަށް ލިބިވަޑައިގަތީ 2979 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ ނިސްބަތުން 1.4 އިންސައްތައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން