ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ތާއީދުކުރައްވާ ހުރިހާ ޕީޕީއެމް-ޕީއެންސީ މެންބަރުން ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ބާކީވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖްލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑެ ވަނީ އެމްޑީޕީ ބައިބައިވި މިސާލުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން، އެމްޑީޕީއިން ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތިނުލެވުމުން އެމަނިކުފާނުގެ ބަދަލުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވައިގެން ވެރިކަމަށް ވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ޕާޓީ ބައިބައިވި މިސާލަށް އިޝާރާތްކުރައްވައި ބޮންޑޭ ވިދާޅުވީ މިހާރުވެސް ޕީޕީއެމްއާއި ޕީއެންސީއާއި ދޭތެރޭ ފުށުއެރުމެއް އެބަހުރި ކަމަށެވެ. އަދި ޑރ. މުޢިއްޒުގެ ވެރިކަމެއްގައި ޕީޕީއެމްގައިވެސް ދެބަސްވުމެއް އުފެދޭ ޙާލެއްގައި ރައީސް ޔާމީނަށް ސަޕޯޓްކުރާ މެންބަރުން ބާކީވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"މިހާރު ބުނާނެ ޕީޕީއެމް މީހުން، ބޭނުން ވަނީ އެ ނޫން ގޮތެކޭ. އެއީ ކީއްވެ؟ ވަޒީފާތަކާއި އެހެން ހުރިހާ އެއްޗެއް ލިބޭނެ އަނެއްކާ ވެސް. މިހާރު ވެސް ޕީޕީއެމް އޮތީ ޕީއެންސީއާ ދޭތެރޭގައި މައްސަލަ އުފެދިފައި. އެހެނެއް ނޫން ޔާމީން އެކަނި ހުރި ނަމަ ރަނގަޅުވީސް. ނަމަވެސް އަނެއްކާ ވެސް ފެންނާނީ މި މައްސަލަތަކުގެ ތެރޭގައި މިކަން (އެމްޑީޕީ އަށް ވި ގޮތް) ތަކުރާރުވާ ތަން. އިއްޒަތްތެރި މެންބަރު އާދަމް ޝަރީފް ބާކީ ވާނެ. ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޝިޔާމް ބާކީވާނެ. ހުރިހާ އެންމެން ބާކީ ވާނެ. ޔާމީނަށް ތާއީދު ކުރާ އެންމެން ބާކީ ވާނެ. އެއީ އެކަން އޮންނާނެ ގޮތް." ބޮންޑެ ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ބޮންޑެ ފާހަގަކުރެއްވި ގޮތުގައި ފެހި ގާނޫނު އަސާސީގެ ދަށުން ރައީސަކު އިންތިޚާބުވީ ފަހުން ކޮންމެ ދައުރެއް ނިމުމާއެކު ރައްޔިތުން އައު ވެރިޔަކު ހޮވަން ބޭނުންވާ ކަމަށެވެ.

"ކުރީ ފަހަރު ޔާމީނު ނޫން ގޮތެއް، މިފަހަރު އިބޫ ނޫން ގޮތެއް، ދެން އަންނަ ފަހަރު މުއިއްޒު ނޫން ގޮތެއް. މިއީ ވެރިކަން ހިންގާ ގޮތެއް ނޫން،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ޕާޓީ ހިންގުމުގައި ރައީސް ޔާމީން އެކަނި ހުންނެވި ނަމަ، އެފަދަ މައްސަލައެއް ނުޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން