ސަލަފް ޖަމިއްޔާގެ ބޭފުޅަކަށް އިސްލާމިކް މިނިސްޓަރުކަން ދިނުމުން އޭގައި ދިމާވާނެ މައްސަލައަކީ ކޮބައިތޯއޭ ވިދާޅުވެ ރައްޔިތުންގެ މަޖްލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ސުވާލު އުފައްދަވައިފިއެވެ.

މިއަދުގެ މަޖްލީހުގެ ޖަލްސާގައި ވާޙަކަދައްކަވަމުން މޮސްޓާ ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ސަލަފްގެ ބޭފުޅުންނަށް އިސްލާމިކް މިނިސްޓްރީގެ މަގާމުތައް ދެއްވާނެ ކަމަށް ވިދާޅުވާ އަޑު މަޖްލީސް ތެރެއިން އިވިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގައި މައްސަލައެއް އޮންނަންވެތޯއޭ ވިދާޅުވެ އޭނާ ވަނީ ސަލަފް ޖަމިއްުޔާގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.

އެގޮތުން، ސަލަފް ޖަމިއްޔާގައި ހިމެނޭ ޑރ. ޢަލީ ޒާހިރު ފަދަ ދީނީ އިލްމުވެރިންނަކީ ރަނގަޅަށް ކިޔަވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި އެ ޖަމިއްޔާއަކީ ހޯމް މިނިސްޓްރީގެ ދަފްތަރުގައި ހިމެނޭ ޖަމިއްޔާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އިސްލާމް ދީން އޮތް ދިވެހިރާއްޖޭގައި އިސްލާމްދީން ކިޔަވައިގެން ތިބި ބަޔަކަށް މަގާމް ލިބިދާނެތީ ބިރުން އުޅެނީ ކޮން ކަމަކާތޯ؟ ހަމަ ކޮންމެ ދުވަހަކު އަބަދާ އަބަދު ސަލަފް ސަލަފު، އެ ނޫން ވާހަކައެއް ނެތީތޯ ދުލު ކުރީގައި؟ އެ ނޫން ބަޔަކު ނެތީތޯ މިތާ މި ވާހަކަ ދައްކަން. އަބަދާ އަަބަދު އެއަކުން ނެއްޓެން ނޭނގިގެން މި އުޅެނީ ކީއްވެގެންތޯ. މިތާނގައި އެމީޙުން އަޔަސް މިތާނގައި އޮންނާނީ އިސްލާމްދީން، އެޔަކަށް ބަދަލެއް ނާންނާނެ." މޮސްޓާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަަކަދައްކަވަމުން މޮސްޓާ ވިދާޅުވީ ސަލަފްގެ ބޭފުޅަކު މިގައުމުގެ މަތީ މަގާމެއްގައި އުޅުއްވާނަމަ ލާދީނީ ވާޙަކަތައް ދެއްކުމުގެ ފުރުޞަތު ހަނިވެގެންދާނެ ކަމަށެވެ. އަދި ހަމައެއާއިއެކު، ސަލަފް ޖަމިއްޔާއަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، ވަކި ބަޔަކު ވެރިކަމަށް ހޮވަން ނޫޅޭ ބަޔެއް ކަމަށްވެސް މޮސްޓާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ، ވަކި ގޮތަކަށް ހެދުން އަޅުއްވާތީ އެ ފަރާތްތައް އެހެން ދިވެހިންނަށް ލިބިފައިވާ ޙައްޤުތަކުން މަހުރޫމްވާން ނުޖެހޭނެ ކަމަށްވެސް ،މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ވަނީ އޮރިޔާން ނިވާނުކޮށް އުޅޭ މީހުންނަށް މިރާއްޖޭގައި އުޅެވެންޏާ މޫނު ބުރުގާ އަޅައިގެން އުޅޭ މީހުންނަށް ވެސް މިގައުމުގައި އުޅެވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ދީނީ މީހުން މަތީ މަގާމު ތަކަށް އަތުވެދާނެތީ ބިރުގަންނަނީ ކީއްވެގެންތޯއޭ ވިދާޅުވެ މޮސްޓާ ވަނީ ސުވާލު އުފައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން