އިތުރު 3 މެންބަރަކު ގުޅިވަޑައިގަތުމުން އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ޢަދަދު 56 އަށް އަރައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި ތިއްބެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގައި މިވަގުތު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 56 މެންބަރުން ތިއްބެވިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ މެންބަރުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ އެމްޑީޕީގެ ދަފުތަރުގައި ހިމެނިފައިވާކަން އެ ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެހެންކަމުން މިހާރު މަޖިލީހުގައި ތިއްބަވަނީ އެމްޑީޕީގެ 56 މެންބަރުންނާއި، ޕީޕީއެމްގެ 5 މެންބަރުންނާއި، ޕީއެންސީގެ 3 މެންބަރުންނާއި، އެމްއެންޕީގެ 3 މެންބަރުންނާއި، ދަ ޑިމޮކްރެޓްސް 3 މެންބަރުންނާއި، އެމްޑީއޭ 2 މެންބަރުންނާއި، ޖުމްހޫރީ ޕާޓީ 2 މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެމްބަރުންގެ ގޮތުގައި 13 މެންބަރުން ކަމަށެވެ.

މި ބަދަލާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލެވިގެންދާ ގޮތަށް ބަދަލު އަންނާނެ ކަމަށާއި، ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު ގެނެވިފައިވާ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން