އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގޮވާލާ ޤަރާރެއް މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި އިންތިހާބުތައް މިނިވަންކޮށް އިންސާފުވެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ތަންފީޒުކޮށް ސިޔާސަތުތައް ސާފުކޮށްދޭން ޖެހޭކަމަށެވެ.

އެގޮތުން މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބުތައް ބޭއްވުން ކަށަވަރުކުރުމަކީ ޑިމޮކްރެސީގެ މައިގަނޑު އެއް އަސާސް ކަމަށް އިންތި ހުށައެޅުއްވި ޤަރާރުގައިވެއެވެ. ހަމައެއާއެކު ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ކަށަވަރުކޮށްދީފައި އޮތުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ކުއްލި މައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ސަރުކާރުގެ ރަސްމީ ކަންކަމާއި ކެމްޕެއިން އެއްކޮށްލައި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން އޮޅުވާލުމާއި، ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ފުޅާކޮށް ކެމްޕެއިންކުރާކަމަށް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އިންތިޚާބާ ދިމާކޮށް ވަކި ކެންޑިޑޭޓަކަށް ތާޢީދު ނުކޮށްފިނަމަ ވަޒީފާއިން ވަކިކުރުމަށް އިންޒާރުދިނުމާއި، ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދިނުން ފަދަ އިންޒާރުތައް ހިންގާކަމަށް އެ ޤަރާރުގައިވެއެވެ.

އެހެންކަމުން އިންތިގެ ޤަރާރުގައި ގޮވާލާފައިވަނީ ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ވެފައިވާ ވައުދުތައް ތަންފީޒުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން