ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޢަމަލުކުރާނެ ގޮތެއް ޖުމްހޫރީ ޕާޓީން ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޤައުމުގެ މަޞްލަޙަތަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢުލާން ކުރާނޭ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ އިޞްލާހަށާއި، ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށާއި ޤައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެ ޕާޓީ ދެމިއޮންނާނޭ ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ތާއީދު ކުރަށްވައި ވޯޓުދެއްވި އެންމެހާ ރައްޔިތުންނަށާއި ކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޖޭޕީގެ ބަޔާނުގައިވަނީ ޝުކުރު ދަންނަވާފައެވެ.

އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވައި ކާމިޔާބީ ޙާޞިލް ކުރެއްވި ބޭފުޅުންނަށް ޖޭޕީން ވަނީ މަރުޙަބާ ދަންނަވާފައެވެ. އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާބުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް ރިޔާސީ އިންތިޚާބެއްގައި މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މި އިންތިޚާބުގައި ތިންވަނަ ހޯއްދެވީ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް 15،835 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން