ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެ މަނިކުފާނާއި އީވާގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީން ވަނީ ނިންމާފައެވެ. އެކަމަކު މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިއާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެ މަނިކުފާނު ވަކިކުރުމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 25 މެމްބަރުން ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ އަދަދު އަދިވެސް ހަމަވާތީ، އެކަން ކުރިއަށް ގެންދަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މައްސަލަ ކުރިއަށް ގެންދަން އަފީފް ފެއްޓެވުމާއެކު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށެވެ. އެކަން މަޖިލީހުގެ އިދާރާއަށް އެންގިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށް ޝަރީފް ވިދާޅުވިއެެވެ.

އެހެންކަމުން، ބާކީ ތިބި މެމްބަރުންގެ ސޮއި އަނބުރާ ގެންގޮސް، އެކަން އިދާރާއަށް ރަސްމީކޮށް އަންގަން 15 މިނެޓުގެ ފުރުސަތެއް ދެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީން އެދުނު ގޮތަށް ޖަލްސާ މެދުކަނޑާލައްވައި ޖަލްސާ އަލުން ފައްޓަވައި ރިޔާސަތުން އަފީފް ވިދާޅުވީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

އެހެންކަމުން، ނަޝީދާއި އީވާގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ މައްސަލަތައް ކުރިއަށް ގެންދެވެން ނެތް ކަމަށް ޖަލްސާ ނިންމަވައިލައްވަމުން އަފީފް ވިދާޅުވިއެވެ.

މި ދެ މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއް އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން