ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ބުނި ވާހަކަތައް ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިރޭ ވިދާޅުވެ ދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވީ ދެވަނަ ބުރުން މުއިއްޒު ކާމިޔާބު ހޯއްދަވާނީ 60 ޕަސެންޓް ވޯޓު ހޯއްދަވައިގެން ކަމަށެވެ. ހޮނިހިރު ދުވަހުގެ އިންތިހާބުން ދައްކައިދިނީ ރައީސް ޔާމިން ވިދާޅުވާ ފަދަ ރާއްޖޭގައި އުއްމީދަކާއި ދިރުން އޮތްކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ފަދަ ހާލެއްގައި ވެސް ދިވެހި ރައްޔިތުން ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރާނެ ކަން އިންތިހާބުގެ ނަތީޖާ އިން ދައްކައިދީފި ކަމަށެވެ. އަދި މި ގައުމުގައި ޣައްދާރުންނަށް ފުރުސަތެެއް ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ދިވެހިން ބުނީ މިއީ ދިވެހިންގެ ދިވެހި ރާއްޖެއޭ. މިއީ ދިވެހިންގެ ދިވެހި ގައުމޭ. މިގައުމުގެ މިނިވަންކަން ވިއްކައެއް ނުލެވޭނެއޭ. މިގައުމު އަޅުވެއްޗެއް ނުކުރެވޭނެއޭ. މިގައުމު ސަލާމަތް ކުރުމުގެ ހިތްވަރު ދިވެހިންގެ ގައިގައި އެބަހުއްޓޭ، ދިވެހިންގެ ގައިގައި ދިވެހި ވިންދު އެބަޖަހައޭ. ދިވެހިންގެ ގައިގައި ދިވެހި ލޭ އެބަ ހިގައޭ. މިއީ ބޮޑުތަކުރުފާނު އުފަން ގައުމޭ. މިއީ ދޮންބަންޑާރައިން އުފަންވި ގައުމޭ. މިއީ ހުސައިން އާދަމް އުފަންވި ގައުމޭ. ޣައްދާރުންނަކަށް މިގައުމުގައި ފުރުސަތެއް ނުދޭނަމޭ. ޚާއިނުންނަށް މިގައުމުގައި ފުރުސަތެއް ނުދޭނަމޭ. މިގައުމު ސަލާމަތްކުރާނަމޭ، މިގައުމުގެ މުސްތަގުބަލް ބިނާކުރާނަމޭ. މާދަމާ މިގައުމަަށް އަމާންކަން ހޯދައިދޭނަމޭ. މާދަމާ މިގައުމުގެ ޒުވާން ޖީލު ނިކުތީ ހިތްވަރާއި އަޒުމާއެކީގައި އަމާން ސުލްހަވެރި ރާއްޖެއެއް ހޯދަން،" ވަރަށް ޖޯޝާ ފޯރީގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން