މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ވެރިކަންކުރާ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ، އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންދިއުމަށް އެ ޕާޓީން ނިންމައިފިއެވެ.

މި ދެ މައްސަލަ އަނބުރާ ގެންގޮސްފައި މިވަނީ މާދަމާގެ ޖަލްސާއަށް މި މައްސަލަތައް އެޖެންޑާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ މި ދެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. އަސްލަމް ވިދާޅުވީ ސިޔާސީ މަސްރަހު އޮތްގޮތުން އެ މައްސަލަތައް އަނބުރާ ގެންދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން އެމްޑީޕީގެ މިދިޔަ ޖޫންމަހު މަޖިލީހަށް ހުށަހެޅީ 50 އަށްވުރެ ގިނަ މެމްބަރުންގެ ސޮޔާއެކުއެވެ.

އެމްޑީޕީން އޭރު މައްސަލަ ހުށަހެޅީ މަޖިލީހުގެ ގަވައިދާއި ހިލާފަށް މަޖިލީހުގެ ރިޔާސަތުން އަމަލުކުރާކަމަށް ބުނެއެވެ.

ރައީސް ނަޝީދާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އެމްޑީޕީން ނަގާފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމަނިކުފާނުގެ ތާއީދު އެމްޑީޕީއަށް ވަރަށް މުހިއްމުވެފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން