ރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ތަމްސީލު ކުރަށްވާ ޢިލްމުވެރިންގެ ގުޅުމުގެ ވައިބަރ ގްރޫޕްގައި ނެގި ޚިޔާލުހޯދުމުގެ ވޯޓު ބޮޑު އަޣުލަބިއްޔަތަކުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރަށްވައިފިއެވެ.

"ޢިލްމުވެރިންގެ ގުޅުމުގެ" ވައިބަރ ގްރޫޕްގައި ނެގި މިވޯޓު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބު ކުރަށްވާފައި ވަނީ 87 ވޯޓު ހޯއްދަވައިގެންނެވެ. ޑރ. މުޢިއްޒު އާއި އެންމެ ކައިރިން ވާދަކުރެއްވި ޢުމަރު ނަސީރަށް ލިބިފައިވަނީ 9 ވޯޓެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިފައިވަނީ 5 ވޯޓެވެ.

އޭގެ އިތުރުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބާއި، އަޙްމަދު ފާރިސް މައުމޫނާއި، ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމަށް 1 ވޯޓު ލިބިލައްވާފައިވެއެވެ. އަދި ކެންޑިޑޭޓު ނަންބަރު 2 ޙަސަން ޒަމީލަށް އެއްވެސް ޢިލްމުވެރިއަކު ތާޢީދު ކުރަށްވާފައެއް ނުވެއެވެ.

މި ޕޯލަށް 105 ޢިލްމުވެރިން ވޯޓު ދެއްވާފައިވާއިރު، މިއީ ރާއްޖޭގައި ދީނީ ތަޢުލީމް ޙާސިލްކުރަށްވައިގެން ތިއްބެވި ޢިލްމުވެރިންގެ ނިސްބަތުން މަދު ޢަދަދެކެވެ.

ޢިލްމުވެރިންގެ ގުޅުމުން މީގެ ކުރިންވެސް ވަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން އެ ޖަމުޢިއްޔާގެ ރަޢުޔު ޢާއްމުންނަށް ހާމަކޮށްފައެވެ. އެގޮތުން ޗާގޮސްގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައިވެސް އެ ޖަމިއްޔާއިން ރައީސް ޞާލިޙާއި ބައްދަލު ކޮށްފައިވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މުޅިރާއްޖޭގައި ފޯރިއާއެކު ކެމްޕޭން ޙަރަކާތްތައް ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން