ކަޮންމެ އަހަރަކު ލަންކާއިން ރާއްޖެއަށް 50 ހާސް ރުއް ހަދިޔާކުރަން ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ "ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް" ށ. ގޮއިދޫގައި ފަށްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުން ރާއްޖޭގެ ބިން ބޮޑެތި ރަށްރަށުގައި މިއަހަރުގެ ކުރީކޮޅު ރުއް އިންދުމުގެ ޕްރޮގްރާމް ފަށާފައިވަނީ ރުކުގެ އައު ޖީލެއް އުފެއްދުމަށް ހިންގާ ޕްރޮގްރާމްގެ ދަށުންނެވެ. މިއީ ރާއްޖެއިން ކުރުނބާ އަދި ކާށި ލިބުން ދަތިވެ ރާއްޖެއިން ބޭރުން މިތަކެތި އެތެރެކުރަން ޖެހުމުގެ ސަބަބުން ސަރުކާރުން ފެއްޓެވި ޕްރޮގްރާމެކެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ކޮންމެ އަހަރަކު ރާއްޖެއަށް 50،000 ރުއް ހިލޭ ދިނުމަށް ސްރީލަންކާއިން މިހާރު އެއްބަސްވެފައިވާކަމަށެވެ.

"އަޅުގަނޑުމެން އެދުނީ އެ ޤައުމުން ރުއް ގަނެގެން ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ހޯދަން. އެކަމަކު އެބޭފުޅުން ބޭނުންވީ އަޅުގަނޑުމެންނަށް އެ އެއްޗެހި ހިލޭ ދޭން. ރަނގަޅު މަތިވަރު ލިބޭ ރަނގަޅު ރުއް ރާއްޖެއަށް ލިބެން އެބަހުރި. މިހާރު ކުރަންއޮތް ކަމަކީ ރާއްޖޭގެ ބިމުގައި ތަރުތީބުން ދުނިޔޭގެ އެހެން ތަންތަނުގައިވެސް ރުއް ހައްދާ އުސޫލުން އެ ރުއްތައް ހައްދަން ފެށުން،” މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ، މިހާރު އިންދާ ރުއްތައް 2 އަހަރާއި ބައިގެ ތެރޭގައި ފޯދޭނެކަމަށާއި، ރަނގަޅަށް ފޯދިއްޖެނަމަ ގާތްގަނޑަކަށް އަހަރަކު 12 ނުވަތަ 13 އިހާ ކުރުނބާ އަޅާނެކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް އިހަލެއްގައި 35 ނުވަތަ 40 ކުރުނބާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ރުކުގެ އައު ޖީލެއް ޤާއިމްކުރުމުގެ ޕްރޮގްރާމްގެ ދަށުން އިންޑިއާއިން 5000 ރުއް ގަނެގެން ގެނެސް، އޭގެތެރެއިން 500 ވަރަކަށް ރުއް ފިޔަވައި އެހެން ހުރިހައި ރުކެއް ރަށްރަށައް ބަހައި އިންދުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު