އަމާޒަކީ ބޮޑުތިލަދުންމަތީގައި ފަތުރުވެރި ކަމަށް މަދުވެގެން 10000 އެނދު ތަރައްގީކުރުން ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން މިރޭ ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 6000 އެނދު ތަރައްގީ ކުރުމަށް އެޕާޓީގެ ރިޔާސީ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ އަމާޒަކީ މަދުވެގެން 10000 އެނދު ބޮޑުތިލަދުންމަތީގައި ތަރައްގީ ކުރުން ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އެއީ ރަށްރަށުގައި އަޅާ ގެސްޓު ހައުސް އާއި އަދި ރިސޯޓްތަކާއި ހުރިހާ އެއްޗެއްސާ އެއްކޮށް ކަމަށްވާނަމަ 6000 އެނދަކީ ވަރަށް ކުޑައެއްޗެއް، އަޅުގަނޑުގެ އަމާޒަކީ 10000 އެނދު މަދުވެގެން، އޭރުން މެދުނުކެނޑި ފުލައިޓް މިތަނަށް ދަތުރުފަތުރުކުރުމާއި މުޅި އުތުރު ސަރަހައްދު ބޮޑުތިލަދުންމަތި ބޫސްޓް ވެގެންދާނީ. އިރާދަކުރެއްވިޔާ އަޅުގަނޑުގެ ސަރުކާރެއްގައި އެކަން ކުރާނަން، މިއީ ފޮނި ވާހަކަ އެއް ނޫން. ތިބޭފުޅުން އަޅުގަނޑަށް އެ ފުރުސަތު ދެއްވާ،" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ބޮޑުތިލަދުންމަތީގައި 6000 ބެޑް ތަރައްގީ ކުރާ ވާހަކަ ދެއްކެވުމުން އެކަމާ މެދު ބަޔަކު ޝައްކު ކުރާ ކަމަށާއި އެމަނިކުފާނަށް އެކަން ކުރެއްވުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ޤާސިމް ވިދާޅުވީ 6000 ބެޑް ތަރައްގީ ކުރާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތެރެއިން ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބިޑްކޮށްގެން ރަށްތަށް ދޫކޮށްގެން ކަމަށެވެ. އެގޮތުން ރަށްރަށުގެ އެއްގަމާ ހުސް ރަށް ބެޑް ތަރައްގީ ކުރުމަށް ދޫކުރާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"ފުރަތަމަ ކޮންސްޓްރަކްޝަން ނިމުމަށްފަހު ފުރަތަމަ 15 އަހަރު އެއްވެސް ކުއްޔެއް ނުނަގާނަން، ހިލޭ އަޅުގަނޑުމެން ދޫކޮށްލާނީ ރަށަށް ކުލި ނުނަގާ. ދެން އެ ނޫން ޓެކްސް ތަކާއި އެއްޗެހި ނަގައިގެން އެގޮތުން އިންސެންޓިވް ދީގެން އަޅުގަނޑުމެން އެކަން ކުރާނީ، އެހެން ދީގެން އަޅުގަނޑުމެންނަށް ތަރައްގީ ކުރެވޭނީ އެހާ ހިސާބުން ސަރުކާރަށް ލިބޭ އާމްދަނީ ކުލި މަދުވެގެން ދިޔަސް އިންޑައިރެކްޓް އެހެން ރެވެނިއުތައް ލިބޭނެ. އެހެން ބައިވަރު ޓެކްސް ތަކާއި އެއްޗެހި އިމްޕޯޓް ޑިއުޓީ އަށް ލިބޭ ޓެކްސްއާއި އެ ނޫން އެއްޗެހި ވެސް އަންނާނެ،" ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ރިސޯޓްތައް ހިންގަވާ ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ބެޑްތައް ތަރައްގީ ކުރުމަށް މާލީ ގޮތުން ދަތިވާ ފަރާތްތަކަށް ސަރުކާރުން ލޯނު ނަގައިގެން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. އެއީ އެ ޕްރޮޖެކްޓަށް ދާ ހަރަދު ދެކޮޅު ޖެއްސުމަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު