މިއަހަރުގެ ރިޔާސީ އިންތިހާބަަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނަމަ ނެރެންވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އެޑްވައިޒަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ހދ. ހަނިމާދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕީޕިއެމްގެ ކެންޑިޑޭޓެެއް ނެތް ކަމަށެވެ. އަދި އިހުލާސްތެރިކަމާއެކު ޕީޕިއެމްގެ ކެންޑިޑޭޓަކު ނެރޭނަމަ ނެރެންވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ދައުވާ ކުރާ ޕީޕިއެމުން އިންތިހާބަށް ނެރެފައިވަނީ ހަގީގީ ރައީސެއް ނޫން ކަމަށެވެ. ރައްޔިތުން މިއަދު ބޭނުންވަނީ ބޮޑު ދެ ޕާޓީގެ ގޮނޑި ކޮއްކޮ ރައީސެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ގައުމުގެ ކޮމާންޑަރ އެންޑް ޗީފް ނުވަތަ ރައީސުލްޖުމުހޫރިއްޔާ ކަމަށް ބޭފުޅަކު ހޮވާއިރު އެއްކަލަ ބޮޑު ދެޕާޓީގައި އިންނަ ގޮނޑި ކޮއްކޮ ރައީސެއްތޯ؟ ވިސްނަވާ މިއަދު އެންމެ ބޮޑެތި ޕާޓީ ކަމަށް ދައުވާ ކުރާ ޕާޓީއަކުން ނެރެފައިވާ ބޭފުޅާ ފުރަތަމަ ރާއްޖެއަށް ބަޔަކު އަރައިފިއްޔާ ގުޅާލާނީ، ރައީސް މިކަމުގައި މިއަދު ކޮންކަމެއްތޯ ނިންމަނީ، އެބަ ގުޅާލަން، މިއެއް ނޫންތޯ، ހަގީގީ ރައީސެއް ކުރިމައްޗެއް ނުލައްވައޭ،" ވެރިކަން ހިންގަވާނީ ކުރީގެ ރައީސް ޔާމިންގެ ލަފަޔާ އިރުޝާދާއެކު ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ދައްކަވާ ވާހަކަތަކަށް އިޝާރަތް ކުރަށްވަމުން އަލީ ވަހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު