އުމްރާއަށް މީހުން ގެންދަން ހުއްދަ ދީފައި ނެތް ކުންފުނިތަކަކުން އެކަން ކުރާކަން ފާހަގަކުރެވޭ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން މީހުން އުމްރާއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އިތުރަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ހުއްދަ ނެތި ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ ފައިސާ ދެއްކުމުގެ ކުރިން ކުންފުނިތަކުގެ މައުލޫމާތު ރަނގަޅަށް ސާފުކުރުމަށާއި މައުލޫމާތު ސާފުުނުކޮށް ފައިސާ ނުދެއްކުމަށް ވެސް އަންގާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު