މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރާއި ސ. ހިތަދޫ ސަހަރައްދީ ބަނދަރަށް ގެންދާ މުދަލުގައި ހިމެނޭ އާންމު ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލަން ނިއްމައިފިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް ހުށަހެޅުއްވި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް 54 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ފާސްކޮށްފައިވާ މިބިލަށް ޖުމްލަ 6 އިސްލާހެއް ހުށެޅިފައިވެއެވެ. މިއިސްލާހުތަކާއިއެކު ކޮމިޓީން ބިލް ފާސްކޮށްފައިވަނީ 55 މެމްބަރުންވެސް ވޯޓުންނެވެ. ބިލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން އައްޑޫ އާއި ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. މިއިސްލާހަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓުންނެވެ.

ސަރަހައްދީ ވައިގެ ބަނދަރުތަކަށް ގެންނަ މުދަލުން ވެސް އެ މިންވަރަށް ޑިއުޓީ ކުޑަކުރަން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވި އެވެ. އެކަމަކު އެ ހުށަހެޅުމަށް ވޯޓަކަށް މިއަދު ނާހައެވެ. ބިލްގެ ކޮމިޓީ މަސައްކަތް މިއަދު ނިންމާފައިވީނަމަވެސް ބިލަށް އިތުރު އިސްލާހު ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.

މިބިލުން ސިއްޚަތަށް ގެއްލުންހުރި ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމަށްވެސް ވަނީ ނިންމާފައެވެ. ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 އިންސައްތައެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުންދަނީ 25 އިންސައްތައެވެ. ޤާނޫނުގައިވާގޮތުން ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 2 ރުފިޔާއެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ބޮޑުކޮށް ސިގިރޭޓަކުން 3 ރުފިޔާ ޑިއުޓީއެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން އެކްސްޕޯޓް ލައިސަންސްއާއި އިމްޕޯޓް ލައިސަންސްއަށް، ލައިސަންސް ދޫކުރެވޭ ޢަދަދުގެ ކޮންމެ 100 ރުފިޔާއަކަށް 10 ލާރީގެ މަގުން ޖަހަމުންއައި ރެވެނިޔު ސްޓޭމްޕް ޖެހުން ނިމުމަކަށް އަންނާނެއެވެ. އަދި މިޤާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭ ޢަދަދުގެ ކޮންމެ 100 ރުފިޔާއަކުން 1 ރުފިޔާގެ ރެވެނިއު ފީއެއް ދައްކާގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އިތުރު ވޯޓެއް އަދި ނަގާނެއެވެ. އެ އިސްލާހާއެކު ބިލު ފާސް ވެގެން ދާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.

މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކުޅުދުއްފުށްޓާއި ހިތަދޫއަށް ފޮނުވާ ތަކެތީގެ ތެރެއިން އިިމްޕޯޓް ޑިއުޓީ މާފު ކޮށްދެވޭ ތަކެތީގެ ލިސްޓު މޯލްޑިވްސް ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އެކަމަށް ކަސްޓަމްސް އިން އުސޫލެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ.

އެ އިސްލާހުގެ ސަބަބުން ރާއްޖޭގެ އުތުރާއި ދެކުނުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތުރާއި ދެކުނުގެ ބަނދަރަށް ބާލާ މުދަލުގެ ތެރެއިން ޑިއުޓީ ކަނޑާލާ ތަކެތީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތައްޔާރީ ތަކެތި ހިމެނޭއިރު ރީތި ވުމަށާއި ފެން ވެރުމަށް ބޭނުުން ކުރާ ތަކެތި ވެސް ހިމެނެ އެވެ. އަންނައުނު އުފައްދަން ބޭނުން ކުރާ ކަފަ އާއި، އުއި، ރޮދި، އަދި ބަރަންޏާއި ފޮތި ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މީގެއިތުރުން އާންމު ބޭނުންތަކަށް ބޭނުން ކުރާ ވަރަށް ގިނަ އާންމު މުދާ ވެސް ހިމެނެ އެވެ. އެ ގޮތުން، ތަށިމުއްޓާއި ބަދިގެ ސާމާނާއި، ބިއްލޫރި އާއި، އައިސްއަލަމާރި، ފެން ފިލްޓާ ކުރުމަށް ބޭނުންވާ ސާމާނާއި، ގޮދަޑި، ބާލީސް، ތަންމަތި، ފާރުނީޗަރު، އިންވާޓާ އެއާ ކޮންޑިޝަނާ އުލާއި ސަމުސަލާއި، ވަޅި ފަދަ ސާމާނު ވެސް ހިމެނެ އެވެ.

މުތާއި އަގުބޮޑު މައުދަނާއި ޖަވާހިރާއި ދަނގަޑާއި އެކަތަ އާއި ޓިނު އެލްމަނިއަމް އާއި އެލްމަނިއަމް އިން އުފައްދާ ތަކެތި ވެސް ހިމެނެ އެވެ. ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާއި ގުޅޭ ސާމާނުގެ ބާވަތްތަކާއި ސްޕީކަރާއި، ހެޑްފޯނާއި، މޯބައިލް ފޯނާއި، ޓީވީއާއި، ޑިޖިޓަލް ކެމެރާ ފަދަ އިލެކްޓްރޯނިކްސް އާލާތްތައްވެސް ޑިއުޓީ ކުޑަވާ ތަކެތީގެ ލިސްޓުގައި ހިމެނެ އެވެ.

ކާރު، ޖިޕް، ވޭން، އޮޓޯ ސައިކަލާއި، މޮޓޯ ސައިކަލް ފަދަ އެއްގަމު އުޅަނދު ފަހަރު ވެސް ބަނދަރުތަކަށް ގެންދެވޭ ޑިއުޓީ ކަނޑާލެވޭ މުދާ ތަކުގެ ތެރޭގައި ހިމެނެ އެވެ. މިފަދަ ތަކެތީގެ އިންޖީނާއި އޭގެ ބައިތަކާއި، މެރިން އިންޖީނުތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

އައިނާއި، އޭގެ ބައިބައި، ހިތުގެ ވިންދު އުފެއްދުމަށް ބޭނުން ކުރާ ގެޖެޓާއި މެޑިކަލް، ސާޖިކަލް، ޑެންޓަލް ފަދަ ސިއްހީ ވަސީލަތްތަކުގެ ސާމާނުތައް ވެސް ހިމެނެ އެވެ. ނެޕީ އާއި ނާސިން ޕެޑް، ސެނިޓަރީ ޓަވަލާއި ޓެމްޕްޓޮންސް ވެސް މި ލިސްޓުގައި ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން