ބިދޭސީ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާފައި މުސާރަ ނުދޭ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށްގެން ނަމަވެސް އެމުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ދީނީ އިލްމްވެރިޔާ އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުވައްޒަފުންގެ މުސާރަކޮޅު "ފޭރިގަނެގެން" އުޅޭ ނުބައި ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށްގެން ނަމަވެސް ނުވަތަ މިލްކިއްޔާތު ވިއްކާލައިގެން ނަމަވެސް މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާ އެއް ކަމަށެވެ.

"އަޖައިބެއް، ބަންގުލަދޭޝް މީހުންނަކީ ވެސް ހަމަ އިންސާނުން." ޝައިހް އަލީ ޒައިދު ވިދާޅުވިއެވެ.

ބިދޭސީ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި މި ފަހަކަށް އައިސް މިފަދަ މައްސަލަތައް ފެންމަތިވެފައި މިވަނީ މުސާރަ ނުދޭތީ ބިދޭސީން އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގާން ފެށުމުންކަން ފާހަގަ ކޮށްލެވެއެވެ.

އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައީ މުސާރައިގެ މައްސަލައިގައި ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިންތަކެއް ނުކުމެ އެރަށުގައި މަސައްކަތްކުރާ ދިވެހިންގެ ބަޔަކު ރަހީނުކޮށް ހަމަނުޖެހުން ހިންގި ހިސާބުން ފެށިގެންނެވެ. އެހާދިސާގައި ރަހީނު ކުރި ދިވެހީން ސަލާމަތް ކުރީ މާލެއިން ފުލުހުންގެ ޚާއްޞަ ޓީމެއް އެރަށަށް ފޮނުވައިގެންނެވެ.

ހުޅުމާލޭގައި މިއަދުވެސް ވަނީ މުސާރައިގެ މައްސަލައިގައި ބިދޭސިންގެ ބަޔަކު އިހުތިޖާޖުކޮށް އަޑު އުފުލާފައެވެ. މިއަދު އިހުތިޖާޖު ކުރި މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައިވެސް ހަމަނުޖެހުން ތަކެއް ހިނގާފައި ވެއެވެ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ވެސް ފުލުހުންނާއި ކުރިމަތިލައި ފުލުހުންގެ ބަޔަކަށް އަނިޔާވެސް ވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު