ސަރުކާރުން މިއަދު ހަވާލުކޮށްފައިވަނީ ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު، ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު، ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު، ކ. ހުރާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ސ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއެވެ.
މި ހުރިހާ މަޝްރޫޢެއް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
1- ތ. ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
754 މީހުންގެ އާބާދީއެއް އޮންނަ ތ. ގާދިއްފުށީ ރައްޔިތުން ޢާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ ފަން ވިއުމެވެ. މި ރަށު ރައްޔިތުން ލަފާފުރުމުގެ ދަތިތައް ތަޙައްމަލު ކުރަމުންދާތާ އެތަކެއް ދުވަހެއް ވެފައިވާކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. މިއަދު ސޮއިކުރި ތ. ގާދިއްފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އެރަށު ރައްޔިތުން ތަޙައްމަލު ކުރަމުންދާ ލަފާ ފުރުމުގެ ދަތިތަކަމަށް ނިމުމެއް އަންނާނޭ މަޝްރޫޢެކެވެ.
ތ. ގާދިއްފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) June 1, 2023
85،788،143.28 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 580 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. pic.twitter.com/CcMypriObg
މި މަޝްރޫޢުގެ ދަށުން، 243,47 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 335,12 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 154 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 227 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 267 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމާއި، 22 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުމާއި، 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، 570 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 20 މީޓަރު ދިގު 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި، 1365 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 323 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 43.79 މިލިއަން ރުފިޔާއަށް 580 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ.
2- ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
10000 މީހުންނަށް ވުރެ އިތުރު އާބާދީއެއް އޮންނަ ގދ. ތިނަދޫއަކީ މުރާލި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެކެވެ. މަސްވެރިކަން، ދަނޑުވެރިކަން، ދޯނި ފަހަރު ބަނުން އަދި ގެސްޓް ހައުސް ވިޔަފާރި މިއީ ތިނަދޫ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ޢާއްމުކޮށް ކޮށްއުޅޭ މަސައްކަތްތަކެވެ.
މިއަދު ސޮއިކުރި މަޝްރޫޢުގެ ސަބަބުން، ފަޅުތެރޭ އޮންނަ ރާޅުގަނޑު ރަށުތެރެއަށް އެރުމުގެ މައްސަލަ ޙައްލުވާނޭ ކަމަށާއި، މިކަމަކީ ރަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ވާނޭ ކަމެއްކަމަށް ގދ. ތިނަދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، ތިނަދޫގައި އޮންނަ އިންޑަސްޓްރިއަލް ޒޯނަކީ ވަރަށްގިނަ އިޤްތިސާދީ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ތަނެކެވެ. އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކާ ނިމުމުން، އިތުރު ފެކްޓަރީތައް ޤާއިމުކުރެވި، ތިނަދޫ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ފައިދާތަކެއް ވާނޭކަމަށް ސަރުކާރުން ދެކެމެވެ.
މި މަޝްރޫޢުގެ ދަށުން، އިންޑަސްޓްރިއަލް ޒޯންގެ 3 ހެކްޓަރުގެ ސަރަޙައްދެއްގައި ބިންހިއްކުމާއި، 647,32 ކިއުބިކް މީޓަރުގެ ވެލި ރިވެޓްމެންޓަށް ބަރުކުރުމާއި، 254 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 89 މީޓަރުގެ ޕްރީކާސްޓް އާރްސީ ރީޓެއިނިންގ ފާރެއް ލުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 47 މީޓަރު ދިގު 3 މީޓަރު ފުޅާ ޓިމްބަރ ޖެޓީއެއް ހެދުމާއި، ޕިކްނިކް އައިލެންޑްގެ 2 ހެކްޓަރުގެ ސަރަޙައްދެއްގައި ބިން ހިއްކުމާއި، ޕިކްނިކް އައިލެންޑްގެ 474 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ޕިކްނިކް އައިލެންޑްގެ 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 41.53 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
3- ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
1400 އާއި ގާތްކުރާ އާބާދީއެއް އޮންނަ ކ. ދިއްފުށީ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ކޮށްއުޅެނީ މަސްވެރިކަމެވެ. އަދި ލޯކަލް ޓޫރިޒަމަކީވެސް މިހާރު ރަށުގައި ފުޅާވަމުން އަންނަ އިޤްތިސާދީ ހަރަކާތެކެވެ.
ދިއްފުށީގެ ބިން ހިއްކާނިމޭއިރު، ހިއްކި ސަރަޙައްދުން ރަށު ރައްޔިތުންނަށް ގޯތި ދޫކުރެވިގެންދާނެއެވެ. އަދި އުދަ އެރުމުގެ ސަބަބުން ނެތި ގޮސްފައިވާ ގޯތިގެދޮރަށް އަލަށް ހިއްކި ސަރަޙައްދުން ޖާގަ ލިބިގެންދާނެއެވެ. ކ. ދިއްފުއްޓަކީ އުދަ އެރުމާއި ޤުދުރަތީ ކާރިސާތަކާއި ކުރިމަތިލާން ޖެހިފައިވާ ރަށެކެވެ. ކަންމިހެން އޮތްއިރު، ރިވެޓްމެންޓް އުސް ގޮނޑުދޮށަކަށް މިރަށު ރައްޔިތުން އިންތިޒާރުކުރަމުންދާތާ ގިނަދުވަސްތަކެއް ވަނީ ވެފައެވެ. އެހެންކަމުން، މިއަދު ސޮއިކުރި ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ރަށު ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވެ، އުދަ އެރުމާއި ޤުދުރަތީ ކާރިސާތަކުން ރަށަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދޭނޭ ޒަމާނީ ގޮނޑުދޮށެއް ލިބިގެންދާނެއެވެ.
MTCC has signed an agreement with Ministry of National Planning, Housing and Infrastructure - Maldives towards implementation of K. Dhiffushi Land Reclamation and Shore Protection Project. CEO Adam Azim signed on behalf of MTCC and Ms. Fathimath Shana Farooq, DG, signed on behalf… pic.twitter.com/rqfBBuKzQ8
— MTCC Plc (@MTCCPlc) June 1, 2023
މި މަޝްރޫޢުގެ ދަށުން، 97.22 ހެކްޓަރުގެ ބިން ހިއްކުމާއި، 710 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، މިހާރު ހުރި ގްރޮއިންގެ 270 މީޓަރު މަރާމާތު ކުރުމާއި، މިހާރު ހުރި ރިވެޓްމެންޓްގެ 300 މީޓަރު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 33.157 މިލިއަން ރުފިޔާއަށް 450ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
4- ސ. ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
6000 މީހުންގެ އާބާދީއެއް އޮންނަ ސ. ފޭދޫ ރައްޔިތުން ޢާއްމުކޮށް ހަރަކާތްތެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ސ. ފޭދޫ ބަނދަރަކީ ވަރަށް ގިނަ އޮޑިފަހަރު ޙާއްސަކޮށް ކާރގޯ އޮޑިފަހަރު ގިނަ އަދަދަކަށް ގާތްކުރާ ބަނދަރެއްކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ މަސް ދޯންޏާއި ކުދި ކުދި ދޯންޏާއި، ލޭންޑިންގް ކްރާފްޓް ކައިރިކޮށް ސަރވިސް ކުރުމަށްވެސް ފޭދޫ ބަނދަރު ބޭނުންކުރެވެއެވެ.
ނަމަވެސް، މިހާރުއޮންނަ ބަނދަރުގެ ޖާގައިގެ ދަތިކަމާއެކު ކައިރިކުރެވެނީ 1 ނުވަތަ 2 ދޯންޏަށެވެ. ނަމަވެސް، މިއަދު ސޮއިކުރި، ސ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ގިނަ ޢަދަދެއްގެ އޮޑިފަހަރު ކައިރިކުރެވޭ ޖާގަ ތަނަވަސް ބަނދަރަކަށް ސ. ފޭދޫ ބަނދަރު ވެގެންދާނެއެވެ. މީގެ އިތުރުން، ގިނަ ޢަދަދެއްގެ ލޭންޑިންގް ކްރާފްޓް ކައިރިކޮށް ސަރވިސް ދެވޭ ބަނދަރަކަށްވެސް ސ. ފޭދޫ ބަނދަރު ވެގެންދާނެއެވެ. ވުމާއެކު، ސ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ރަށުގެ ވިޔަފާރިވެރިންނަށާއި ރަށު ރައްޔިތުންނަށް ގިނަގުނަ އިޤްތިސާދީ ފައިދާތަކެއް ވެގެންދާނޭ މަޝްރޫއެއްކަމަށް ސަރުކާރުން ދެކެމެވެ.
MTCC has signed an agreement with Ministry of National Planning, Housing and Infrastructure - Maldives towards implementation of S. Feydhoo Harbor Development Project. CEO Adam Azim signed on behalf of MTCC and Ms. Fathimath Shana Farooq, DG, signed on behalf of Ministry.… pic.twitter.com/0tb5bTvN1n
— MTCC Plc (@MTCCPlc) June 1, 2023
މި މަޝްރޫޢުގެ ދަށުން، 398,75 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 5320 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 157 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 501 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމާއި، 86 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުމާއި، 445 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 11މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 2040 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 413 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 95.73 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
5- ކ. ހުރާ ބަނދަރު ތަރައްޤީކުރުން
1360 މީހުންގެ އާބާދީއެއް އޮންނަ ކ. ހުރާ ރައްޔިތުން ޢާއްމުކޮށް ހަރަކާތްތެރިވަނީ މަސްވެރިކަން، ފަތުރުވެރިކަން އަދި ގެސްޓް ހައުސް ވިޔަފާރީގެ ދާއިރާގައެވެ. ހުރާ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ޖާގަ ތަނަވަސް ބަނދަރަކަށް ރަށު ރައްޔިތުން އިންތިޒާރު ކުރާތާ ވަރަށް ގިނަ ޒަމާންވެއްޖެއެވެ. މިއަދު، ސޮއިކުރި ކ. ހުރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މުދާ ބޭލުމުގައާއި ރަށަށް އަރާ ފޭބުމުގައި ރައްޔިތުންނާއި ވިޔަފާރި ވެރިންނަށް ވަމުން އަންނަ އުނދަގޫތަކަށް ނިމުމެއް އަންނާނޭ ކަމަށް ސަރުކާރުން ދެކެމެވެ.
MTCC has signed an agreement with Ministry of National Planning, Housing and Infrastructure - Maldives towards implementation of K. Huraa Harbor Development Project. CEO Adam Azim signed on behalf of MTCC and Ms. Fathimath Shana Farooq, DG, signed on behalf of Ministry.… pic.twitter.com/8xHrCVAeo5
— MTCC Plc (@MTCCPlc) June 1, 2023
މި މަޝްރޫޢުގެ ދަށުން، 453,26 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 111,40 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5445 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 86 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، މޫރިންގް ބޯއީސް ހަރުކުރުމާއި، 105 މީޓަރު ދިގު 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 376 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 78.62 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ހިޔާލު